ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމާއި ގުޅިގެން އެކަމާއި އުފާފާޅު ކުރުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރ ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ލައިގެން ލޯންޑަރ ކުރި މައްސަލައިގެ ޝަރީއަތް ނިމެން ދެން އެ މަނިކުފާނު ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓްއިން އަމުރުކުރުމާއި ގުޅިގެން، އެކަމާއިގުޅިގެން ޖޭޕީގެ މެމްބަރުން އުފާފާޅުކުރުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުހުކުމެއްގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރުމުގެ އުފަލުގައި ބޮނޑިބަތް ކެއުމުގެ ހަފުލާއެއް ކުނޫޒުގައި ރޭ އޮންނާނެ ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވުމާއި ގުޅިގެން، އޭނާ އަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
"ކޮންކަމަކާ އުފާ ފާޅުކުރަން. ކުނޫޒުގައި ނޫނީ އެހެން ތަނެއްގައި ވެސް ޖޭޕީގެ ނަމުގައި ޖޭޕީގެ މީހުން، ރައީސް ޔާމީން ބަންދުކޮށްގެން އެއީ އުފަލެއް ކަމަށް ހަދައިގެން އެއްވެސް ކަމެއް ކުރުން އެއީ ބުއްދިވެރި ކަމެއް ނޫން،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކައުންސިލް ގުރޫޕްގެ ވަޓްސްއެޕް ގުރޫޕްގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންސީ އާއި ޕީޕީއެމް ގުޅިގެން އުފެއްދެވި ޕްރޮގްރެސިވް ކޯލިޝަނުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމިން އާއި ދޭތެރޭ ބޭ އިންސާފުން އަމަލުކުރެވޭ މަންޒަރު ބަލަން ގާސިމް މަޑުން ނުހުންނަވާނެ ކަމަށެވެ. އަދި ގާސިމް ގޮވައިގެން ކުރިއަށް ދާނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ގާސިމް އިބްރާހިމް އާއި އޭނާގެ ފިރިހެންދަރިކަލުން ސިޔާދު ގާސިމް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކޮށްފައެވެ. އަދި އޭރު ގާސިމް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީނު އޭނާ އާއި ދޭތެރޭ އަމަލު ކުރެއްވީ ގާނޫނީ އިމުގެ ބޭރުން ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން ވަނީ ސަރުކާރުން ކޯލިޝަނުން ވަކިވެ، އެ ކޯލިޝަނާއި ގުޅިވަޑައިގަތުމަށް ގާސިމްއަށް ގޮވާލައްވާފައެވެ. އަދި ޖޭޕީ އާއި އެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތް ކަމަށް ވެސް ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖޭޕީ އާއި އެކު ޕްރޮގްރެސިވް ކޯލިޝަނުން، ކޯލިޝަން ހަދާނެކަން ރަސްމީކޮށް އަދިވެސް އިއުލާން ކޮށްފައިނުވާއިރު، އެ ޕާޓީ އާއި އެކު އެކަމާއި ގުޅިގެން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ޖޭޕީން ވާދަކުރާ ބައެއް ދާއިރާތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ވާދަނުކުރަން ވަނީ ނިންމާފައެވެ. އެގޮތުން ޕީޕީއެމުން މީގެ ކުރިން ޓިކެޓް ދީފައިވާ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމައި ޓިކެޓް ވެސް ވަނީ އަތުލާފައެވެ.
މަޖިލީހުގެ އިންތިހާބުގައި ކޮންމެ ބަޔަކާ އެކު ވެސް ގުޅެން މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ޖޭޕީން ވެސް ވަނީ ކުރިން ބުނެފައެވެ. ނަމަވެސް ޕީޕީއެމްއާ އެކު ކޯލީޝަނެއް ހަދާފައިވާ ވާހަކަތައް އެ ޕާޓީން ތަކުރާރުކޮށް ދަނީ ދޮގު ކުރަމުންނެވެ. މި ވަގުތު ސަރުކާރުގައި އޮތް ޖޭޕީން ބުނަމުން ދަނީ އެ ޕާޓީގެ ވަޒީރުން ވެސް ހިމެނޭ ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުން މުހިންމު ކަމަށެވެ.