މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.
ގަވަރުނަރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް އީވާ ހުށަހެޅުއްވި ހުށަހެޅުމުގައި ބުނެފައިވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އިން ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަކުން، އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ގެ އެކްސްކްރޯ އެކައުންޓަށް 1 މިލިއަން ޑޮލަރު ޓްރާންސްފަރ ކުރުމުގެ މައްސަލަ އެފް.އައި.ޔޫ އިން އޭސީސީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ކެމްޕޕޭން ފައިނޭންސްއާއިބެހޭ މައްސަލައެއް ހަމަ އެ ޔުނިޓުން ފުލުހުންގެ އިދާރާއަށްވެސް ހުށަހަޅާފައިވާކަމަށެވެ.
އެ މައްސަލަތައް އެފް.އައި.ޔޫ އިން ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވަނިކޮށް ކުއްލިގޮތަކަށް އެކަށީގެންވާ ސަބަބަކާއިނުލާ އެފް.އައި.ޔޫގެ އޭރުގެ އެންމެ އިސް ފަރާތް އަހުމަދު އަޝްރަފް މަޤާމުން ވަކިކޮށްފައިވާކަމަށާއި، ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން ހުށަހެޅީ އެ މައްސަލާގައިކަމަށް އީވާ ހުުށަހެޅުއްވި ހުށަހެޅުމުގައި ބުނެފައިވެއެވެ.
— Eva Abdulla (@evattey) February 19, 2019
ބޮޑު ހިޔާނާތުގައި އެމްއެމްއޭގެ ބައެއް އިހުމާލުތައްވާކަން އޭސީސީންވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބޮޑު ހިޔާނާތައި ގުޅިގެން އެމްއެމްއޭގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުއްވުމަށްވެސް އޭސީސީން ވަނީ ނިންމާފައިވެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލާގައި ފްއައިޔޫ އިން ބަލައި ތައްޔާރުކުރި ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ހިންގި ކަން ސާފުވާން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ. އެކަމަކު، އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަނޭޅީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް އޭސީސީން ކުރި ތަހުގީގަށް ފަހު ވަނީ ތުހުމަތުކޮށްފަ އެވެ.