ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑްއިން މ. ހުއިވަނި އިސްމާއިލް ޔާސިރު، ވަކިކޮށްފި އެވެ.
ޔާސިރު އެސްޓިއޯގެ ބޯޑުން ވަކިކުރެއްވީ އޭނާ އެ މަގާމަށް އައްޔަންކުރެއްވިތާ ދެ ހަފްތާ ފަހުން އިއްޔެގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ނެވެ. ނަމަވެސް އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިކުރެއްވީ ކޮން ސަބަބަކައި ގުޅިގެންކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ.
އެސްޓީއޯގެ ބޯޑުގައި މި ވަގުތު ހިމެނިވަޑައިގަންނަވަނީ އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާ، ޑިރެކްޓަރު އާމިރު މަންސޫރާއި، މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު، އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދު، މަރިޔަމް ޒާހިޔާ އެވެ.
އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިކުރެއްވިއިރު، އަދިވެސް ބައެއް ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންނުކުރެއެވެ.