އެމްޑީޕީގެ އެޖެންޑާ 19ގެ "އިންސާފުގެ ހިނގާލުން" ނަމުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ފަސްކޮށްފިއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާ އެ ހިނގާލުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށް އެމްޑީޕީން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
Miadhu baavvan hamajehifavaa Hingaalun fahuge thaareehakah vanee faskurevifa https://t.co/lIpEVEG7Sk
— MDP Secretariat (@MDPSecretariat) February 19, 2019
އެމްޑީޕީގެ ހިނގާލުން ފަސްކޮށްފައި ވަނީ ކޮން ދުވަހަކަށް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.
އެމްޑީޕީން މަޖިލިސް 19 އަށް ހުށައަޅާ ސިޔާސަތު ތަކުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީން އެޖެންޑާ19 ކިޔާ ޕްރޮގުރާމެއް ގެނައުމުގެ އިތުރުން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޕެނަލް ޑިސްކަޝަންއެއް ދަރުބާރުގޭގައި ކުރިޔަށް ގެންދާނެ ކަމަށް އެޕާޓީން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ. އެގޮތުން މި ހިނގާލުމުގައި ވެސް އެމްޑީޕީން އިންސާފު ޤާއިމުކުރުމަށް ހުށައަޅާ ސިޔާސަތުތަކުގެ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. ހަ ދާއިރާއެއްގެ ގޮނޑި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އަދާލަތަށް ދިނުމަށް އެމްޑީޕީން ވަނީ ދާދިފަހުން މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ގިނަ ކެނޑިޑޭޓުން ގޮނޑި ދޫކޮށްލަން ބޭނުންނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.