ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ތާއިދު ކުރައްވައި، އެކަން ކުރެއްވުމަށް ސަރުކާރު އެއްބާރުލުން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެގޮތަށް އެދިވަޑައިގެންފައި ވަނީ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި ވާހަކަފުޅަށް ތާއިދު ކުރައްވައި، އެކަމަށް ޝަކުރު އަދާ ކުރެއްވިއެވެ.
"ޝަރުއީ ދާއިރާގެ ފަރާތުން، ދާއިރާ އިސްލާހުކޮށް، ފަނޑިޔާރުގެ މިނިވަންކަން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުގައި އަޅުގަނޑުމެން އެންމެ ތިބި ވާހަކަ ވާހަކަ މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރަންޖެހޭނެ ކަމަށާއި އެގޮތުން ޝަރުއީ ދާއިރާގެ ހައިރާކީ ނިޒާމު ހަރުދަނާ ކުރުމާއި އިދާރީ ހިންގުމާ ބެހޭ އިޖުރާއަތުތައް އިސްލާހު ކުރުމާއި މުވައްޒަފުންގެ އިލްމާއި އަހުލާގު ހުރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
"[އެ ތިން ކަންތައް އިސްލާހުވެއްޖެނަމަ] ފަނޑިޔާރުގޭގެ ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަން ފަސާދައިގެ ވަބާތަކުން ފަނޑިޔާރުގެ ތާހިރުވެ، ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު ލިބުމަށް މަގުފަހިވާނެ."
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ޕްލޭނެއް އެކުލަވާލައި، ތަންފީޒު ކުރެވޭނީ އެކަމަށް ހުރި ހުރަސްތައް ނައްތާލައިގެން ކަމަށާއި ސިޔާސީ ނުބައި މަގުސަދުތަކާއި ނާޖައިޒު އެޖެންޑާތައް އެއްފަރާތްކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރުގެ ކަންކަމާ ބެހުމުގެ ފުރުސަތު ގާނޫނުއަސާސީން ނުދޭ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޖުޑީޝަރީ އިސްލާހު ކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތުގައި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ނަގަން ނިންމާފައިވާތީ، އެކަމަށް އިޝާރާތްކޮށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރުތައް ނެގުމަކީ ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އޮތް ހުރަހެއް ކަމަށެވެ.
ޝަރުއީ ދާއިރާގެ ބަޖެޓުގެ ދަތިތަކުގެ ވާހަކަ އެމަނިކުފާނު ވިދާޅުވެ ދެއްވިއެވެ. އެގޮތުން މިއަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައެޅުމަށް ހުށަހެޅި 853 މިލިއަން ރުފިޔާގެ ބަޖެޓް، 429 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާތީ އުއްތަމަ ފަނޑިޔާރު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ހުށަހެޅި ބަޖެޓުގެ 49 ޕަސަންޓް ކުޑަ ބަޖެޓެއް ދީފައިވާ ކަމަށެވެ.