ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިޔަސް ފެއިލްކޮށްލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒު ވިދާޅުވީ މާރިޔާގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރައްވާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރިޔާޒު މިހެން ވިދާޅުވީ ޕިޕީއެމުން ޑިފެންސް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅޭކަން ހާމަކުރުމުން ކޮށްފައިވާ ޓްވީޓެއްގައެވެ.
Def Min. @MariyaDidi ge ithubaaru gelley fadha kameh kurahvaafa vaakamah qabooleh nukuran. Efadha massalayeh hushahelhinamaves ekan fail kollaanan! https://t.co/rqR79lcSNY
— Abdulla Riyaz MP (@riyazabdulla) February 18, 2019
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕޮރޮގްރެސިވް ކޮންގްރެސްއިން ބޭނުންވާ ގޮތަށް ކާމިޔާބުކުރާނެ ކަމުގެ އިންޒާރެއް އަބްދުއްރަހީމް ވަނީ ދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ކުރިން މަޖިލީހުގައި ސަރުކާރު ތަމްސީލްކުރެއްވި ޕާޓީ ކަމަށާއި، އަދި މިހާރު އެ ޕާޓީއަކީ އިދިކޮޅު ޕާޓީ ކަމަށާއި މަޖިލީހުން ކުރަން ބޭނުންވާ ކަންތައް ކުރުމުގެ ތަޖްރިބާ އެބަހުރި ކަމަށެވެ.