އެންމެ ނަޒާހަތްތެރިވާންޖެހޭ ބޭފުޅުންނަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުން ކަމަށާއި އެކަމަށް ބޭނުންވަނީ އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޤަޟާއީ އަހަރު ފެށުމަށްޓަކައި ދަރުބާރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކިތަންމެ ޤާނޫނަކާއި ޤަވާޢިދެއް ހެދިދާނެ ކަމަށާއި އިތުރު ނިޒާމުތަކެއް ވެސް ރޭވިދާނެ ކަމަށެވެ.
"ނަމަވެސް ނެތިގެން މިއުޅެނީ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ނޫން. ޙަޤީޤަތުގައި ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަންޖެހޭ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި، ފަނޑިޔާރުން ޢައްޔަން ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަންޖެހޭ، ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައި އޮންނަ ގޮތަކީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް އެޅިފައިވާ ހުރަހެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން ޖޭއެސްސީ އެކުލެވިފައިވާ ގޮތާ މެދު ފުންކޮށް ވިސްނައިލެއްވުން ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖޭއެސްސީގައި މިހާރު ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ތިން މަރުޙަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް، ބަންޑާރަ ނާއިބު، ޤާނޫނީ ވަކީލެއް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، އަދި ޢާންމުންގެ ތެރެއިން މީހަކާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ބޭފުޅެކެވެ. ޖޭއެސްސީގެ މެމްބަރުންގެ ތެރެއިން 8 ބޭފުޅުންނަކީ، މަޤާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
"މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުން. އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން. މަތިމައްޗަށް ދެ ހުވައި ކުރައްވައިގެން ތިއްބަވާއިރު، އެންމެ ނަޒާހަތްތެރިވާންޖެހޭނީ އެ ބޭފުޅުން ނޫންތޯ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ފަނޑިޔާރުންނަކީ، އެބޭފުޅުންގެ ކޮނޑުފުޅުގައި، ވަރަށް މަތިވެރި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާ ބައެއް ކަމަށާއި ފަނޑިޔާރުގެއަކަށް މީހަކު ދާނީ، އޭނާގެ ކިބައިން ނިގުޅައިގެންފައިވާ ކޮންމެވެސް ޙައްޤެއް އަނބުރާ ހޯދުމަށް ކަމަށާއި ނުވަތަ ކޮންމެވެސް އަނިޔާއެއް ނުވަތަ ބޭއިންޞާފަކުން މިންޖު ކޮށްދިނުމަށް އެދިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ ކަމަށާއި ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ، ފަނޑިޔާރުގޭގެ ނިންމުންތަކާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މުޖްތަމަޢުގެ އުފާވެރިކަމާއި ފާގަތިކަން ބިނާވެފައިވަނީ، އެ މުޖްތަމަޢެއްގައި ޢަދުލުވެރިކަން ޤާއިމުވެފައި އޮންނަ މިންވަރެއްގެ މައްޗަށް،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ވިޔަފާރި އާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމާ ބެހޭ ގޮތުން، 2014 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީން ހެދި ސާރވޭއިން ދައްކާ ގޮތުގައި، ރައްޔިތުންގެ ގާތްގަނޑަކަށް 71 ޕަސެންޓް މީހުން ބޭނުންވަނީ، ކޯޓުތަކަށް ނުގޮސް މައްސަލަތައް ޙައްލުކުރަން. ސަބަބަކީ ކޯޓުތަކަށް އިތުބާރު ނުކުރެވުން. އެއީ އިންޞާފު ލިބޭނެކަމުގެ އިތުބާރު ނެތުން. އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވޭނެ ކަމުގެ އިތުބާރުވެސް ނެތުން،" އެ މަނިކުފާނު ވިދާޅުވިއެވެ.