ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު، ޝަރަފުވެރިކަމާއި އެކު މުސްކުޅިކުރެއްވި 22 ފަނޑިޔާރަކު ތަކްރީމް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ގަޟާއީ އަހަރު 2019 އިފްތިތާހުކުރެއްވުމަށް ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ތަކްރީމް ކުރެއްވި 22 ފަނޑިޔާރުންގެ ތެރެއިން 16 ފަނޑިޔާރަކަށް ހަނދާނީ މެޑަލް އާއި، މުގުރު އަދި ފަތްކޮޅު އެރުއްވީ އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީއެވެ. މި ހަފުލާއަށް އެކި ސަބަބުތަކާއި ހުރެ 6 ފަނޑިޔާރަކު ވަޑައެއްނުގަންނަވައެވެ.
ހޯމަ ދުވަހުގެރޭ ބޭއްވި ހަފުލާގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރެއްވުމަށް ފަހު، ޝަރަފުވެރިކަމާއި އެކު މުސްކުޅިކުރެވުނު ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ހުސައިން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމީވެސް ހިމެނިވަޑައިގަންނަވައެވެ. މި ހަފުލާގައި ތަކްރީމް ކުރެވުނު ބޭފުޅުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ:
1. ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް ސައްތާރު އަލީ
2. ށ. ކަނޑިތީމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ވަހީދު
3. ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހުަސައިން އަބްދުލްރަހްމާން
4. ށ. ބިލެއްފަހި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދު ހުސައިން
5. ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްއަބްދުލް އަޒީޒް މޫސާ
6. ހއ. ތަކަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާދަމް ގާސިމް
7. ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން
8/ ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަބްދުﷲ އަފީފު
9. ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާދަމް
10. ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަރުހޫމް އިބްރާހިމް މޫޫސާ
11. ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް
12. ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް ވައްހާބު ހުސައިން
13. ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އީސާ މޫސާ
14. ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ޝަރީފު
ގަޟާއީ އަހަރު 2019 އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމްވެސް ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނާއި އިސް ބޭފުޅުން އަދި މިނިވަން މުައައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.