ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެ މަނިކުފާނު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން އެމަނިކުފާނު މާފުށި ރިމާންޑް ޖަލުގައި ހައްޔަރުކޮށްފިއެވެ.
ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙުމަދު ހައިލަމް ކުރެއްވި އަމުރު ތަންފީޒުކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަންލް ސަރވިސްގެ ބެލުމުގެ ދަށުން އެމަނިކުފާނު މާފުށިގައި ބަނދު ކުރެވިފައިވާކަން އެ އިދާރާ އިން ވަނީ ކަށަވަރުކޮށްދީފައެވެ.
— Corrections Mv (@Corrections_Mv) February 18, 2019
މާފުށި ޖަލުގައި ރައީސް ޔާމީން ބަހައްޓާނީ ކޮން ފެންވަރެއްގެ ގޮޅިއެއްގައިކަން ކަރެކްޝަންސް އިން ހާމަކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެމަނިކުފާނު ބަހައްޓާނީ ކުރީގެ ރައީސުންނާއި، އިސް މަޤާމުތައް އަދާކުރައްވާފައިވާ އެފަދަ އެހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ ވީއައިޕީ އެކޮމޮޑޭޝަންތަކުން ކޮޓަރިއެއްގައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ، އެމަނިކުފާނު ހެއްކަށް ނުފޫޒުފޯރުވާކަމުގެ ހެއްކާ އެކު ފްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް އެދުމުންނެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައީސް ޔާމީން، މި މައްސަލައިގައި ހިމެނޭ ހެކިންނަށް ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަންވެސް އެމަނިކުފާނު އެކި ފަރާތްތަކަށް ފައިސާ ހުށަހެޅުއްވިކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަށް ނުފޫޒު ފޯރުވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ވަކީލާ ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވަމުންދާކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ.