ފ. ފިލިތެޔޮ ރިސޯޓް ކައިރިން 16 މީހުންނާއި ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެ އަޑިޔަށް ދިޔަ ޏ. ފުވައްމުލަކު ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފިއެވެ.
އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ. އޭނާ މަރުވީ ހާސްވެގެން ، ފ. ނިލަންދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މަރުވި މީހާގެ ހަށިގަނޑު ހޯމަ ދުވަހު މެންދުރު 1:00 ގައި ވަނީ މާލެ ގެނެސްފައެވެ.
އެ ބޯޓުން ސަލާމަތްވި 16 މީހުން އެމްއެންޑީއެފް ކޯސްޓްގާރޑް ލޯންޗުގައި މާލެ ގެނެސްފައި ވަނީ ހޯމަ ދުވަހު ހަވީރުއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރަވާނާ ބޯޓުން ސަލާމަތްވި މީހުންނާއި އެ މީހުންގެ އާއިލާގެ މީހުންނާ ބައްދަލު ކުރައްވާފައެވެ. ނައިބު ރައީސް ފައިސަލް ވިދާޅުވީ، އެ ހާދިސާގައި ހިނގި ހިސާބުން ފަށައިގެން އެ މީހުންގެ ހާލު ސަރުކާރުން ބަލަމުންދާ ކަމަށާއި، ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.
ރަވާނާ ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ލައިފް ޖެކެޓް އަޅައި މޫދަށް ފައިބައިފައެވެ. އެ މީހުން މޫދުން ނަގާފައި ވަނީ އެވަގުތު އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ''ދަންޑެހެލު'' ނަމަކަށް ކިޔާ ވެލި ނަގާ ދޯންޏަކުންނެވެ.
އެބޯޓުން ދަތުރުކުރި މީހަކު ރާއްޖެއެމްވީ އަށް ވާހަކަ ދައްކަމުން ބުނީ، އެ ހާދިސާ ހިނގާފައި ވަނީ ބޯޓުގެ ސައިލެންސަރުގައި ރޯވެގެން ކަމަށެވެ. އޭގެ ފަހުން އެ އަލިފާންގަނޑު ކޮޓަރި ތެރެއަށް ފެތުރެން ފެށި ކަމަށެވެ. އެއާ އެކު ބޯޓުގައި ތިބި އެންމެން ސަލާމަތްވުމަށްޓަކައި ލައިފް ޖެކެޓް އަޅައިގެން ފުންމާލީ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އަޑިޔަށް ދިޔަ ބޯޓުގައި ތިން މިލިއަނެއްހާ ރުފިޔާގެ މުދާ ހުރި ކަމަށެވެ. އެ މީހުން ސަލާމަތް ކޮށްދިން ''ހުޅުދެލި'' ދޯނީގެ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އެ ދޯނިން ދަތުރު ކުރި މީހާ ބުންޏެވެ