ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެ މަނިކުފާނު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރައީސް ޔާމިން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ ޕީޖީ އޮފީހުންނެވެ.
ހޯމަ ދުވަހުގެ މެންދުރުފަހު 1:30 ގައި ފެށިި ޝަރީއަތް ނިންމާލައިފައިވަނީ އޭގެ 2 ގަޑިއިރާ 30 މިނެޓްފަހުންނެވެ.
ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ، ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، ހެކިންނަށް ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް ޔާމީން ފައިސާ ހުށަހެޅުއްވި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާކަމަށް ވަކީލާ ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން ޕީޖީން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ހުށަހަޅައިފަ އެވެ. ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.
އޭގެއިތުރުން ޕީޖީގެ ވަކީލް ވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫއިން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ނުފޫޒު ފޯރުވައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަން އެނގޭނެ ސިއްރު ލިޔުމެއް ވެސް ހުށަހަޅާފައެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދުު ހައިލަމް އެވެ. ގާޒީ އަމުރުކުރެއްވީ ޝަރީއަތް ނިމެންދެން ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އެގޮތަށް އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުނެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނު އެކައުންޓަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާކުރި އެމަނިކުފާނަށް އެނގިގެން ނޫން ކަމަށެވެ. އަދި އެ ފައިސާ ޖަމާވިކަން އެނގުމާއެކު ދައުލަތުގެ އިދާރާތަކަށް އެއްބާރުލުން ދެއްވިކަމަށް ޔާމީން ވިދާޅުުވި އެވެ. އެގޮތުން އެ ޗެކް ޖަމާވެފައިވާކަން އެނގުމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށާއި ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް ވެސް އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ.
ޔާމީންގެ ވަކީލްވެސް ވަނީ ޝަރީއަތުގައި އެ ނުކުތާ ފާހަގަކޮށްފަ އެވެ. އެގޮތުން ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަން އެއްވެސް އިދާރާއަކުން މިހާތަނަށް ބުނެފައި ނުވާ ކަމަށެވެ. މި މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ފައިސާ ލޯންޑާކުރުމަށް ކުރުމަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށްވެސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ފައިސާ ލޯންޑަކުރި މައްސަލައިގައެވެ. އެ މަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް ޚުދު އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.
ރައީސް ޔާމީންގެ އިތުރުން މަނީ ލޯންޑެރިންގެ މި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނެވި އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ދައުލަތުން ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ.