ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް އިން ބުނެފިއެވެ.
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އަދި ކުރިއަށް އޮތްތާނގައި މި ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާނެ ކަމަށެވެ. މާރިޔާގެ އިތުބާރުނެތް ކަމުގެ މައްސަލަ ޕޮރޮގްރެސިވް ކޮންގްރެސްއިން ބޭނުންވާ ގޮތަށް ކާމިޔާބުކުރާނެ ކަމުގެ އިންޒާރެއް އަބްދުއްރަހީމް ވަނީ ދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ކުރިން މަޖިލީހުގައި ސަރުކާރު ތަމްސީލްކުރެއްވި ޕާޓީ ކަމަށާއި، އަދި މިހާރު އެ ޕާޓީއަކީ އިދިކޮޅު ޕާޓީ ކަމަށާއި މަޖިލީހުން ކުރަން ބޭނުންވާ ކަންތައް ކުރުމުގެ ތަޖްރިބާ އެބަހުރި ކަމަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމްއާ އެކު ޕްރޮގްރެސިވް ކޮންގްރެސްއިން ގެންދަނީ މަޝްވަރާތައް ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.