ގައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީއެއް ހޯމަ ދުވަހު އެކުލަވާލައިފިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނުވަ ބޭފުޅުންނެވެ. އެއީ އައްބާސް އިބްރާހީމް، ޢަބުދުއްރަޝީދު ޙުސައިން، ޔުމްނާ މައުމޫން، އަނީސާ އަހުމަދު، އަހުމަދު ޝާކިރު، އަޝްރަފް އަލީ، އާދަމް ނަސީރު އިބްރާހީމް، އަންވަރު އިބްރާހީމް އަދި އަޙްމަދު ޢަލާއެވެ.
ހޯމް މިނިސްޓްރީން ބުނީ މި ކޮމިޓީއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާ ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ އަދި ވަޠަނީ ރޫޙް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރެއްވުމާއި، އެކަންކަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲއަށް ލަފާއެރުވުމަށް އެކުލަވާލި ކޮމިޓީއެއް ކަމަށެވެ. އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ހޯމަ ދުވަހު ބާއްވާފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.
ދިވެހިންގެ މެދުގައި ގައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.