ސައުދީއަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އިނގިރޭސި ފުޓް ބޯޅަ ކްލަބް މެންޗެސްޓަރ ޔުނައިޓެޑް ބައްލަވައިގަންނަވަން ނޫޅުއްވާކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.
ނަަމަވެސް ސައުދީ ސަރުކާރުންވަނީ އެ ގައުމުގެ ސޮވްރިން ވެލްތު ފަންޑުން ސްޕޮންސަރޝިޕާ ބެހޭގޮތުން ކްލަބާ ވާހަކަދައްކާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އިނގިރޭސި ވިލާތުގެ ނޫހެއްކަމަށްވާ ދި ސަންއިން މިދިޔަ ހަފްތާ ބަންދުގައިވަނީ ނިއުޔޯކްގައި ލިސްޓްކުރެވިފައިވާ 4 ބިލިއަނެއްހާ އެމެރިކާ ޑޮލަރުގެ ކްލަބް ވަލީއަހުދު މުހައްމަދު ބައްލަވައިގަންނަވަން އުޅުއްވާކަމަށް ރިޕޯޓްކޮށްފައެވެ.
ނަމަވެސް ސައުދީގެ މީޑިއާ މިނިސްޓަރ ތުރުކީ އަލް ޝަބާނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަލީއަހުދު މެންޗެސްޓރ ޔުނައިޓެޑް ބައްލަވައިގަންނަވަން އުޅުއްވާކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެެވެ.
މެންޗެސްޓަރ ގަންނަން ސައުދީން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށާފައިވަނީ ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީއާއެކު 2017 ވަނަ އަހަރު "ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އެއްބަސްވުމެއްގައި ސޮއިކުރި ހިސާބުންނެވެ.
އަލް ޝަބާނާވަނީ ޔުނައިޓެޑުން ސައުދީގެ ސޮވްރިން ވެލްތު ފަންޑާއެކު ސްޕޮންސަރޝިޕް ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި އެއްވސް މަޝްވަރާއަކަށް އަމަލީ ސިފައެއް ގެނެވިފައި ނުވާކަމަށް ވިދާޅުވެ ވެސް ޓްވީޓް ކުރައްވާފައެވެ.
ކްލަބް ގަތުމާ ބެހޭގޮތުން މިނިސްޓަރ އެހެން ވިދާޅުވުމުގެ ކުރިން ކްލަބުން އެއްވެސް އެއްޗެއް ބުނެފައް ނުވެއެވެ.
T