މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ ހަވާލުކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޔޫތު މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
President @ibusolih has decided to hand over the responsibility of overseeing the work of Ministry of Youth, Sports & Community Empowerment to Tourism Minister Ali Waheed @ali20waheed for the time being.
— Ibrahim Hood (@MvSpokesperson) February 17, 2019
ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ވަހާލުކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން މައްސަލަ ތަހުގީގުކޮށް ނިމެންދެން ގޭގައި މަޑުކުރައްވަން މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގެވުމާ ގުޅިގެންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު އެސްއޯއެފް އިން ޖަމާވެފައިވާ ކަމަށް ވަނީ ދައްކާފައެވެ.
މައްސަލައާ ގުޅިގެން މަހުލޫފް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ.
މަހުލޫފް ވިދާޅުވެފައި ވަނީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.