ސީރިޔާގައި ހައްޔަރުކޮށްފައި ތިބި އައިއެސްގެ ހަނގުރާމަވެރިން ޔޫރަޕްގެ ގައުމުތަކުން ނުގެންގޮސްފި ނަމަ އެ މީހުން ދޫކޮށްލަން މަޖުބޫރުވެދާނެ ކަމަށް ވިދާޅުވެ އެތައް ސަތޭކަ ހަނގުރާމަވެރިންނެއް ގެންދިއުމަށް ޔޫރަޕްގެ ގައުމުތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމާންޑް ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހޮނިހިރު ދުވަހު ރައީސް ޓްރަމްޕް ކުރައްވާފައި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ސީރިޔާގައި އަހަރެމެން ހައްޔަރުކޮށްފައިވާ އައިއެސްގެ 800 އަށް ވުރެ ގިނަ ހަނގުރާމަވެރިން އިނގިރޭސިވިލާތާއި، ފްރާންސާއި ޖަރުމަނާއި ވިލާތުގައި ހިމެނޭ އެހެން ބައިވެރިން ވެގެން ގެންގޮސް ދައުވާކުރުމަށް އެދެން," ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އައިއެސްގެ އެ ހަނގުރާމަވެރިން ގޮސް ޔޫރަޕުގައި ފެތުރިގަންނަތަން ބައްލަވަން ބޭނުންފުޅު ނުވާ ކަމަށާއި އެ މީހުން ދާނެ ކަމަށް ބެލެވޭތަނަކީ އެއީ ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ގައުމުން ވަރަށް ގިނަ ކަންކަން ކޮށް ވަރަށް ގިނަ ހޭދަ ކޮށްފައިވާ ކަމަށެެވެ. އަދި މިއީ އެހެން ގައުމުތަކުން އެ ގައުމުތަކުގެ ގާބިލުކަމާ އެކު އެ ގައުމުތަކުގެ ދައުރު އަދާކުރަންވީ ވަގުތު ކަމަށާއި ފައުޖުތައް އަނބުރާ ގެންދަވަނީ ޚިލާފަތުގެ މައްޗަށް 100 ޕަސެންޓް ކާމިޔާބު ހޯދުމަށް ފަހު ކަމަށެވެ.
ތުރުކީ އާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގުގައި އޮންނަ ގަޒިއަންޓެޕްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައި ވަނީ ރައީސް ޓްރަމްްޕްގެ ބަޔާނާ އެކު ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިން ޕްރެޝަރަށް ވެއްޓިފައިވާ ކަމަށެވެ.
އައިއެެސް އެކީ ބަލި ކުރެވިއްޖެ ކަމަށާއި ސީރިޔާގައި ތިބި އެމެރިކާގެ ސިފައިން ބާލުވަން ނިންމަވާފައިވާ ކަމަށް ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޓްރަމްްޕް ކުއްލިގޮތަކަށް އިއުލާނުކުރެއްވުމާ އެކު ވެސް ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިން ކަންބޮޑުވިއެވެ.
ރައީސް ޓްރަމްގެ ގޮވާލެއްވުމާ އެކު އުފެދިފައިވާ ސުވާލަކީ އެ ހަނގުރާމަވެރިން ސީރިޔާއިން ގެންދިއުމަށް ފަހު ބައިތިއްބާނީ ކޮންތަނެއްގައި ކަމާ މެދުއެވެ
ބެެއިރޫތުގައި ހުންނަ ލެވަންޓް އިންސްޓިޓިއުޓް ފޮރ ސްޓްރެޓީޖިކް އެފެއަރސްގެ ޑިރެކްޓަރ ސާމީ ނާދިރް އަލް ޖަޒީރާގައި ވިދާޅުވެފަައި ވަނީ ފްރާންސްގެ ޖަލަކަށް އެ މީހުން ގެންގޮސްފި ނަމަ އެ ގޮޅިތައް ވެެގެންދާނީ އެމީހުންގެ ބައިވެރިން އެއްކޮށް ކަންކަން ރާވާ ތަނަކަށް ކަމަށެވެ.
"ޔޫރަޕުގެ ގިނަ އާއްމުން ބޭނުމެއް ނުވޭ އެ ހަނގުރާމަވެރިން އަނބުރާ ގެންދާކަށް...އެއީ އެ މީހުންނަކީ ޓެރެރިސްޓުން ކަމަށްވާތީ" އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ މަދަދާ އެކު ހަނގުރާމަ ކުރަމުންދާ ކުރުދީންގެ ބައެއް ކަމަށްވާ ސީރިއަން ޑެމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އިން މިހާރު އައިއެސްއަށް ހަަމަލާ ދެމުންދަނީ އިރާގުގެ ސަރަހައްދީ ރޮނގުގެ ކައިރިީ އޮންނަ އަަވަށެއް ކަމަށްވާ ބަގޫޒްގައެވެ.
އެސްޑީއެފުން މިދިޔަ ހަފްތާގައި ހަމަލާދޭން ފެށި އެ އަވަށަކީ އައިއެސްގެ އަތްދަށުގައި މިހާރު އޮތް ހަމައެކަނި އަވަށެވެ.