Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2017 | ހުކުރު 04:53
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ޝަރީއަތްކުރުމުގެ ހައިސިއްޔަތު
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
ގާޒީއާމެދު ފިޔަވަޅު އެޅީ ވ. ބޮޑުމޮހޮރާގެ މައްސަލައިގައި އިއްވި ހުކުމަކާ ގުޅިގެން

ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ސިވިލް ކޯޓުގެ ގާޒީ, އައްޑޫ ފޭދޫ، ބެލޫން މަރިޔަމް ވަހީދު އެ ކޯޓްގައި ކުރިއަށް ގެންދަވައި ހުކުމް އިއްވުމާއެކު އެ ގާޒީގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު  ނަގައިފި އެވެ.  

 

"ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްކުރުމުގެ ޝަރުއިއްޔަތާއި، އަހުމިއްޔަތާއި ވިލާޔަތު ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދު (ސ.ފޭދޫ/ބެލޫން)ގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުއަށް ލިބިގެންނުވާ ކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ." ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ވެއެވެ.

 

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ރާއްޖޭގައި ފަނޑިޔާރަކާމެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. 

 

މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނެގީ، ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، ވ. ބޮޑުމޮހޮރާ ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ބުރާސްފަތި ދުވަހު ހުކުމް ކުރައްވާފައިވާތީ ކަމަށެވެ. 

 

މަރިޔަމް ވަހީދު މިގޮތަށް ހުކުމްކުރިޔަސް، އެ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުގެ މައްޗަށް ލާޒިމު އެއްވެސް އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓްގެ އަމުރުގައި ބުނެފައިވެ އެވެ. އަދި މަރިޔަމް ވަހީދު އިއްވި ހުކުމް ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ކަމަށް ވެސް ބުނެފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް