ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންކަމަށްވާ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާންގެ އިތުބާރު ނެތްކަމަށް 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވޯޓު ނެގި އިރު، އެ ވޯޓަށް އެމްއެމްޕީއާރުސީގެ ފައިސާއިން 10 މިލިއަން ރުފިޔާ ހަރަދުކުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުން ހާމަވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހުން ފާސްކުރީ 14 ޑިސެމްބަރު 2014 ވަނަ ދުވަހުއެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ 53 މެމްބަރުންގެ ވޯޓާއެކުއެވެ.
އޭސީސީގެ ތަހުގީގަށް މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އެއް ދުވަހެއްގެ ރޭގަނޑު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގުޅުއްވައި އަނެއް ދުވަހުގެ ހެނދުނު ނުވައެއް ޖެހުމުގެ ކުރިން 10 މިލިއަން ރުފިޔާ ހޯދައިދޭން އެދުނު ކަމަށެވެ.
އަދި އެ ފައިސާ އަދީބު ބުނި ގޮތަށް ހަމަޖެއްސުމުން ފައިސާ ގެންގޮސް ފެންޓަސީ ކުރިމަތީގައި ހުރި އޮފީހެއްގެ ހަތްވަނަ ފަންފިލާގައި ހުރި މުހައްމަދު ހުސައިން (އޮއިއްޓޭ) އާ ހަވާލުކުރުމަށް އަދީބު އެންގިކަމަށް ރާފިއު އޭސީސީއަަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެ ފައިސާއަކީ ކީއްކުރަން ނެގި ފައިސާއެއް ކަމެއް އެވަގުތު އަބްދުﷲ ރާފިއުއަށް ނޭނގޭ ކަމަށާއި، ނަމަވެސް އޭގެ ފަހުން އެދުވަހަކީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ނޯ ކޮންފިޑެންސް ވޯޓު ނަގަން އޮތް ދުވަސްކަން އެނގުނުކަމަށް އޭނާ ބުނެފައިވެއެވެ.
"ހީވާގޮތުން ނުވައެއްގެ ކުރިން ފައިސާ ހަވާލުކުރަން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ކުރާ ކަމެއް ކުރުމުގެ ގޮތުން ކަމަށް ބުނެފައިވޭ " އޭސީސީގެ ތަހުގީގަށް އަބްދުﷲ ރާފިއު ދިން ބަޔާނުގައިވެއެވެ.
ނަމަވެސް އެ ފައިސާ ދިިނީ ކޮންކޮން މެމްބަރުންނަށް ކަމެއް އެނގިފައި ނުވާ ކަމަށް ރާފިއުގެ ބަޔާނުގައި ބުނެފައިވެއެވެ.