ރައްޔިތުން އެޖެންޑާ19 އަށް ހޭލުންތެރިކުރުމަށްޓަކައި އެމްޑީޕީން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަން މިރޭ އޮންނާނެެއެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، މިރޭގެ ޕެނަލް ޑިސްކަޝަންގައި އިންތިޤާލީ އިންސާފާއި، މުއައްސަސާތައް އިސްލާހު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށާއި، ޕެނަލްގައި ކެނޑިޑޭޓުންގެ ގޮތުގައި ބައިވެރިވެލައްވާނީ މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓު އިމްތިޔާޒު ފަހުމީއާއި، މާފަންނު ހުޅަނގު ދާއިރާގެ ކެނޑިޑޭޓު މުހައްމަދު ފަލާހު ކަމަށެވެ.
އޭގެ އިތުރުން ބައިވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި މެހެމާނެއްގެ ގޮތުން ޤާނޫނީ ވަކީލު އުސްތާޒާ ޝަފާ ޝަރީފް ބައިވެރިވެލައްވާނެ ކަމަށް އަފްޝާން ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ދަރުބާރުގޭ ހަކުރާ މާލަމުގައި ޕެނަލް ފެށުމަށް ހަމަޖެހިފައިވާއިރު، ޕެނަލްގައި ބައިވެރިވުމަށް އާންމުންނާއި މަދަނީ ޖަމިއްޔާތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އަފްޝާން ވިދާޅުވިއެވެ.
ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީން އެޖެންޑާ19 ކިޔާ ޕްރޮގުރާމެއް ގެނައުމުގެ އިތުރުން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޕެނަލް ޑިސްކަޝަންއެއް ދަރުބާރުގޭގައި ކުރިޔަށް ގެންދާނެ ކަމަށް އަފްޝަން ވަނީ ވިދާޅުވެފައެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ސުވާލު ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށާއި އެކި މައުޟޫތަކަށް ބަހުސް ކުރުމުގެ އިތުރުން މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބެހުމަށް ވަނީ ހަމަޖެހިފައެވެ،
އޭގެ އިތުރުން އެމްޑީޕީ ކެނޑިޑޭޓުންގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވެގެން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް ފޯމުތައް އަލުން ހުށައަޅާފައިވާ ކަމަށާއި، ބާކީ އިން 1 ފޯމު މިއަދު ހުށައަޅާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ކެނޑިޑޭޓުންގެ ތެރެއިން 20 ކެނޑިޑޭޓެއްގެ މާލީ ބަޔާން ހުށައަޅާފައިވާ ކަމަށާއި، ބާކީ ތިބި ކެނޑިޑޭޓުންވެސް މި ހަފްތާ ތެރޭގައި މާލީ ބަޔާން ހާމަކޮށް އެމްޑީޕީ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.