ރާއްޖޭގެ ސިއްހީ ހާލަތާއި މެދު އަދި ވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި މޯލްޑިވްސް ޑިމޮގްރަފިކް އެންޑު ހެލްތު ސާރވޭ 2016 އަދި 2017 އާންމުކުރުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ މޯލްޑިވްސް ޑިމޮގްރަފިކް އެންޑު ހެލްތު ސާރވޭ ފަދަ ދިރާސާ ތަކަކީ ދުރު މުސްތަގުބަލަކަށް ވިސްނާއިރު ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ބައްޓަން ކުރުމަށް ލިބޭ ވަރަށް މުހިންމު މައުލޫމާތު ތަކަކަށް ވެގެން ދާނެ ކަމަށެވެ.
ހަމަ އެހެންމެ ސިއްހީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް މިދިރާސާއިން ވެސް ފެންނަ ކަމަށް ފައިސަލް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި މިފަދަ ދިރާސާތަކުން ސިއްހީގޮތުން ސަމާލުކަންދޭންވީ ކޮންކޮން ކަންތައްތަކަކަށް ކަން އޮޅުންފިލައިގެން ގޮސްފައިކަވާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ގޭބިސީތަކާއި މުޖުތަމައުގެ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ސިއްހީ ދާއިރާގެ ދިރާސާތައް ސަރުކާރުން ކަނޑައެޅުމުގައި ވެސް މިފަދަ ދިރާސާއެއްގެ މުހިންމުކަން ބޮޑެވެ
މީގެ އިތުރުން ވެސް ފައިސަލްނަސީމް ވިދާޅުވި ރަށްރަށުގައި ދެވޭ ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށާއި ދުރުވިސްނުމަކާއި އެކު އެންމެން އެކުގައި މަސައްކަތް ކުރުމަށް އިންތިހާ ދަރަޖައަށް ބޭނުން ވެފައިވާ ކަމަށެވެ.
"ޞިއްޙީ ދާއިރާއިން އަޅުގަނޑުމެން ކުރިއެރުންތަކެއް ހޯދަމުންދާއިރު މިއަދުވެސް ރާއްޖޭގެ އާންމު ސިއްހީ ހާލަތާއި މެދު ކަންބޮޑުވާ ކަންތައްތަކެއް އަޅުގަނޑުމެންނާއި ކުރިމަތި ވަމުން ދޭ. އެހެންކަމުން މިކަންކަން ނައްތާލުމުގައި ދުރު ވިސްނުމަކާއި އެކު އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަކީ އިންތިހާ ދަރަޖައަށް ބޭނުން ވެފައިވާ ކަމެއް. ދުޅަހެޔޮ ސިއްހަތެއް ހޯދުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް މަސައްކަތް ތަކެއް ކުރަންޖެހޭ. ސިއްހީ ނުރަނގަޅު އާދަތައް ދޫކޮށްލާ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތު ކުރުމަކީ ދިރިއުލުމުގެ ބައެއް ކަމުގައި ހަދަންޖެހޭ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ގިނައިރުތަކެއް ވަންދެން މަސައްކަތުގައި އުޅޭއިރު އަރާމު ކުރުމާއި ކަސްރަތު ކުރުމަށް ވަގުތު ކޮޅެއް ދޭންޖެހޭ ކަމަށެވެ. ބައެއްފަހަރު ކަސްރަތު ކުރުމާއި ދުވުން ފަދަ ކަންތަކަކީ ކުޑަކޮށް ލަދުވެތި ކަމަކަށް ވީނަމަވެސް ތަހުޒީބުވެފައިވާ މިދުނިޔޭގައި އަޅުގަނޑުމެން އުޅެމުންދާއިރު މިކަންކަމަކީ ކުރަންޖެހޭ ކަންތައްތައް ކަމަށް އެމަނިކުފާނުން ވިދާޅުވިއެވެ
ސާފްތާހިރު ކަމަށް ދޭންޖެހޭ އިސްކަން އިތުރުކޮށް ދިރިއުޅޭ މާހައުލަކީ ސާފު ތަނަކަށް ހެދުމަށް މުހިންމު ކަމެއް ދޭންޖެހިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނުން ވަނީ ފާހަގަ ކުރައްވައިފައެވެ.