ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑްގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް އެ ވައުދު ވަނީ ހިމަނާފަ އެވެ.
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެއްވީ، އެކަމަށްޓަކައި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ފުރަތަމަ ޑްގްރީއަށް ހިލޭ ކިޔެވުމުގެ އުސޫލުގައިވާގޮތުން ސަރުކާރުގެ ކޮލެޖް ޔުނިވަރސިޓީގެ އިތުރުން އަމިއްލަ ކޮލެޖް ޔުނިވަރސިޓީތަކުގައިވެސް ފުރަތަމަ ޑްގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން ވަކި ޤާނޫނެއްގެ ދަށުން ކިޔަވައިދިނުމަށް އުފައްދާފައިވާ މަރުކަޒަކަށްވުން ނުވަތަ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމަށް ހުއްދަ ދީފައިވާ މަރުކަޒަކަށްވާންޖެހޭ އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކުރާ އިންސްޓިޓިއުޝަނަލް އޮޑިޓަކާއި ގުޅިގެން އެ އޮތޯރިޓީއިން ހުށަހަޅާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް އަމަލުކުރަމުންދާ މަރުކަޒެއްކަމުގައިވާނަމަ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުސޫލްގައި ބުނެފައިވެއެވެ.
އުސޫލްގައިވާގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ގޮތުން ދިވެހި ދައުލަތުގެ ޔުނިވަރސިޓީތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ފަރާތްތަކަށް މުޅި ކޯސް ފީ ދެވޭނެއެވެ. އަދި އަމިއްލަ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭނީ ފުރަތަމަ ޑިގްރީއެއް ހެދުމަށް ޓިއުޝަން ފީގެ ގޮތުގައި ދިވެހިރާއްޖޭގައި ޚަރަދުވާ މިންވަރުތަކުގެ މައްޗަށް ބިނާކޮށް، ޓިއުޝަން ފީގެ ގޮތުގައި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވަކި މިންވަރުތަކެއް ކަމަށް އުސޫލްގައި ބުނެފައިވެއެވެ.
އުސޫލުގައި ވާގޮތުން މިނިސްޓްރީގެ ފަރާތުން ފަންޑް ނުކުރާނެ މޮޑިއުލްތައްވެސް ވަނީ ހިމަނާފައެވެ. އެއީ ރިޕީޓް މޮޑިއުލްތަކާއި ނިމިފައިހުރި ކްރެޑިޓްތަކާއި ޓިއުޝަން ފީ ގެ އިތުރުން ދައްކަންޖެހޭ އެހެނިހެން ފީތަކުގެ ޚަރަދެވެ.
އުސޫލުގައިވާގޮތުން ދަރިވަރު ފައިސާ އަނބުރާ ދައްކަންޖެހެނީ ފުރަތަމަ ޑިގްރީ ޕްރޮގްރާމަކަށް ދަރިވަރު އެންރޯލްވުމަށް ފަހު މަޤްބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓާލައިފިކަމުގައި ވާނަމަ އެވެ. އަދި ދަރިވަރު ޕްރޮގްރާމުން ފެއިލްވެގެން ކިޔެވުން ހުއްޓާލުމާއި، ޑިގްރީ ޕްރޮގްރާމަކަށް އެންރޯލްވުމަށްފަހު ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން އަދި މި އުޞޫލުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދަރިވަރު ޚިދުމަތްކުރަން ޖެހިފައިވާ މުއްދަތުގައި ދިވެހި ޤައުމަށް ޚިދުމަތްނުކުރާ ކަމުގައިވާނަމަ އެފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
|
| ||
25000 އަށްވުރެ އަދަދު މަދުނަމަ | 1 | ||
25,000 - 49,999 | 1.5 | ||
50,000 - 99,999 | 2 | ||
100,000 - 199,999 | 3 | ||
200,000 - 299,999 | 4 | ||
300،000 އަށްވުރެ އަދަދު ގިނަނަމަ | 5 |
އުސޫލްގައި ވަނީ ދަރިވަރާއި، ކިޔަވާ މަރުކަޒުގެ ޒިންމާގެ އިތުރުން، މިނިސްޓްރީގެ ޒިންމާތައްވެސް ތަފްސީލްކޮށްފަ އެވެ.
މިއީ ރާއްޖޭގައި މިފަދަ ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިން ފުރަތަމަ ފަހަރު އެވެ.