އއ. މަތިވެރީގައި ތިޖޫރީއެއް އެއްލާލުމަށް ފަހު ދެ މީހަކު ފިލައިފިއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ދަންވަރު 02:50 ހާއިރު މަތިވެރި ޕެޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހުންނަށް ދެ މީހަކު ތިޖޫރީއެއް ހިފައިގެން އުޅެނިކޮށް، ފެނިގެން މަޑުކުރަން އެންގުމުން ތިޖޫރީ އެއްލާލުމަށް ފަހު ފިލާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ރަށުގެ ހުރިހާ ފިހާރައެއް އަދި އޮފީސްތައް ބެލިބެލުމުން އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރީ ފަޅާލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ތިޖޫރީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށާއި މައްސަލައިގެ އިތުރު ތަފްސީލު ހަމާކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.