ގޭންގުތަކާ މަޝްވަރާ ކުރަނީ ޖަރީމާ ހިންގުމަށް ނޫން ކަމަށާއި، މަޝްވަރާ ކުރަނީ އެމީހުން މުޖުތަމައަށް ނެރުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ އެއީ ކަމަށްވާތީ ކަމަށް ޔޫތު އެންޑް ސްޕޯޓްސް އެންޕަވަމަންޓް މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަ ސަރުޚީ ޕްރޮގްރާމްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ގޭންގުތަކާއި މަޝްވަރާކުރާ ވާހަކަ ވިދާޅުވީ ރަނގަޅު ނިޔަތުގައި ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން އޭގެ މާނަ އޮޅުވާލީ ކަމަށެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ގޭންގުތަކުގެ އުދަނގުލާއި، މީހުން މެރުމާއި، މާރާމާރި ހިންގުމުގެ އިތުރުން މަގުމަތީގައި ހިނގާ ނުޅެވޭ ވާހަކައަކީ އެންމެ ގިނަ މީހުން ދައްކަމުން އައި އެއް ވާހަކަ ކަމަށެވެ. ގޭންގުތައް މައިތިރިކުރަންޖެހޭއިރު، މުގުރު ހިފައިގެން ދިޔަ ނަމަވެސް ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޭންގުތަކުގެ މައްސަލަ ކަމަށާއި، ގޭންގުތަކަށް ޒުވާނުން ވަނުން ހުއްޓުވަންޖެހޭ ކަމަށެވެ. ގޭންގުތަކުގެ ޝިކާރައަކަށްވެފައި ތިބި ކުދިން ސަލާމަތް ކުރުމަކީ ވެސް ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި މީހުންނާއެކު ވެސް މަސައްކަތް ކުރަންޖެހޭ. އޭގެ ތެރެއިން އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހޭ. އެއްވެސް ހާލެއްގަ އަޅުގަނޑު ނުބުނަމޭ އަޅުގަނޑުމެން މިއުޅެނީއެއް އެމީހުންއެކު މަޝްވަރާއެއް ކޮށްގެން ޖަލުތަކުގައި ތިބި އެމީހުންގެ މީހުން ދޫކޮށްގެން މިކަހަލަ ކަމެއް ކޮށްގެން އެކަހަލަ ޑީލްއަކަށް ދާ ވާހަކައެއް ނޫން." އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ގޭންގުތަކުގައި އުޅޭ މީހުން ދަންނަ ކަމަށާއި، ނަމަވެސް އެއްވެސް މީހެއްގެ ދަށުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގެ ވަޒީރުން ގޭންގުތަކާއެކު ފޮޓޯ ނަގާ، ވަކި މަންފާއެއް ހާސިލް ކުރުމަށް ގޭންގް މީހުން ބޭނުން ކުރި ނަމަވެސް މި ސަރުކާރުގައި މަސައްކަތް ކުރާނީ ގޭންގުތަކުން މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.
ގޭންގުތަކުގެ މައްސަލަތައް ހައްލުކުރުމަށް މިއީ އެޅޭނެ ފުރަތަމަ ފިޔަވަޅު ކަމަށާއި، މިކަން ކުރުމަށް ނިންމީ ވެސް ކަމާ ބެހޭ މާހިރުންނާއި ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދި މީހެއްގެ ގަޔަށްވަޅި ޖަހައި މަރާނުލާކަން ފާހަގަކުރައްވައި މިނިސްޓަރު މަހުލޫފު ވިދާޅުވީ މިގޮތަށް އަމާންކަންމަތީގައި އަބަދު ވެސް މުޖުތަމައު ބާއްވަން ބޭނުންވާ ކަމަށެވެ.
"މިމިދިޔަ ފަސް އަހަރު ތެރޭގައި 35 ޒުވާނުން ދިވެހިރާއްޖޭގެ މަގުމައްޗަށް މަރާފަ ނޫންތޯ އޮތީ. އެއަދަދު މަދުކުރުން. އެކަން ނައްތާލުން. ޒުވާނުން މިހިސާބަށް ދާންޖެހޭ ސަބަބުތައް ހޯދަންޖެހޭ. ގޮސްފަ މުގުރު ހިފާގެން ދިޔައަސް ހައްލު ނުވާނެ. ރަނގަޅު އެޕަރޯޗެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަނީ." މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ޒުވާނުންނާއި، ކުޑަ ކުދިން ގޭންގުތަކަށް ވަންނަމުންދާ އެތައް ބައިވަރު އިޖުތިމާއީ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި ގެދޮރުގެ ދަތިކަމުގެ ސަބަބުން ވެސް ގޭންގުތަކާއި ޒުވާނުން ގުޅެމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. މިހުރިހާ ކަމެއް ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.