މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް މެންބަރުންނާއި ރައީސް އިބުރާހިމް މުހައްމަދު ސާލިހު ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ހިއްސާ ކުރެއްވިއެވެ. އަދި ކައުންސިލް މެންބަރުން ވަނީ ރަށުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ޤާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން މެންބަރުން ވަނީ ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ވެސް ހިއްސާ ކުރައްވައިފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ ދަރަވަންދޫ އެއާޕޯޓު މިހާރަށް ވުރެ ތަރައްގީ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތަކާއި، ރަށުގައި މިވަގުތު ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައް ވެސް މެންބަރުން ޙިއްޞާ ކުރައްވާފައިވެއެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުފައި ޒުވާނުންނަށް އެންމެ ބޭނުންވެފައިވާ ފުޓުބޯޅަދަނޑުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.