ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުގައި ބުދަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދު ބިން ސުލައިމާން އަލް ބަޒައި އާއި ބައްދަލު ކުރައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފިނޭންސްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވިގަތު ހިނގަމުންދާ ބައެއް މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއާ މެދު ބަހައްޓަމުން އަންނަ ގާތް ރަޙުމަތްތެރި ގުޅުމަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނައިބު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކައް ވާސިލްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެއްވެން ހުރި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާ އާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.