ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެއްޓެވި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިނާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް އުފާކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށް މައުމޫނު ރިފޯމް މޫމްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރުއެމްގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ ސްޕޯކްސްޕާސަން ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ ރާއްޖޭގައި މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ވާބާކަމަށްވާ ކޮރަޕްޝަނާ ދެކޮޅަށް ނެންގެވި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅަކަށް ވާތީ އެކަމަށް ރައީސް މައުމޫނާއި އެމްއާރުއެމް އިން މަރުހަބާ ކިޔާ ކަމަށެވެ.
"އެމަނިކުފާނު (ރައީސް މައުމޫނު) އެހާ އުމުރުން ދުވަސްވެފައިވާއިރުވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި އެންމެ ހިތްދަތި ދުވަސްތައް ހޭދަކުރަން ޖެހުނީ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވަން ފެއްޓެވި އިސްލާޙީ މަސައްކަތުގެ ތެރޭގައި. އޭގެ ސަބަބުން އެތައް އުނދަގޫ ތުރާ ތަކެއް ކުރިމަތިކުރުވާ އެމަނިކުފާނުގެ ޖިސްމަށް ގެއްލުންތައް ލިބުނު ހިނދުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނުގެ ބަސް އެމަނިކުފާނުވަނީ ގެނެސް ދެއްވާފައި. އަދި މިއަދުވެސް އެމަނިކުފާނު ހުންނެވީ އެގޮތުގައި،" ތަޒްމީލް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ރައީސް މައުމޫނު ވަނީ ކޮރަޕްޝަނުގެ އަމަލުތަކާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި ނަމަވެސް ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދެވީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ލިބިވަޑައިނުގެންނެވުން ކަމަށް ވެސް ތަޒްމީލް ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ސަބަބުން އެމަނިކުފާނަށް އަނިޔާތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ނަމަވެސް މިއަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގައި ފަސްޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދި އެމަކުފާނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮރަޕްޝަނާ ދެކޮޅަށް ޒީރޯޓޮލަރެން އިއުލާން ކުރެއްވުން،" އޭނާ ވިދާޅުވިއެވެ.
އެމްއާރުއެމް އިން ބުނީ ސަރުކާރުން ފެށި ކެމްޕެއިނަށް އެފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.