ކުރިއަށް އޮތް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ފްލެޓަށް އެދޭ އިރު ހާލަތު ބަޔާންކުރަން އެއްވެސް ބައެއް ނުހިމެނުމަށް ފްލެޓް މައްސަލަ ބަލާ ކޮމިޓީން ތައްޔާރުކުރާ ރިޕޯރޓްގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމަނާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ބުނެފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރު އަހްމަދު ތޮލާލް ވިދާޅުވީ ކުރިއަށް އޮތް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި "އާރބިޓްރެރީ ސަބްޖެކްޓިވް" އެއްގެ ގޮތުގައި އެސެސްކުރާނެ އެއްވެސް ބައެއް އޮވެގެން ނުވާނެ ކަމަށް ފްލެޓް ބަލާ ކޮމިޓީން ތައްޔާރުކުރާ ރިޕޯރޓްގެ ރިކޮމެންޑޭޝަން ތެރޭގައި ހިމަނާނެ ކަމަށެވެ.
"މާނައަކީ ހާލަތު ބަޔާންކުރުމުގެ ބަޔަކީ އެބައި އެސެސް ކުރެވުނު ގޮތެއް، ވެސް އެބައި އެސެސް ކުރެވިފައިވާ އުސޫލެއް ވެސް މާރކްސް ދެވިފައިވާ އުސޫލެއް ވެސް އެކަން ޗެކްކުރެވުނު އެއްވެސް މައުލޫމާތެއް ވެސް ލިބެން ނެތް އެއްޗެއް،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ފްލެޓް މައްސަލަ ބަލާ ކޮމިޓީއިން ފޯމްތައް ދިރާސާކުރަމުން އަންނައިރު އެންމެ އުނދަގޫވެފައި ވަނީ ވެސް ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ހާލަތު ބަލައި އެކަން ދިރާސާކުރަން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުވާލި "ހިޔާ" މަޝްރޫއުގައި ފްލެޓައް އެދި ފޯމް ހުށަހެޅިއިރު، ފްލެޓަށް އެދޭ މީހާގެ ހާލަތު ބަޔާންކުރާ ބައެއް ފުރިހަމަ ކުރަން ފޯމްގައި އޮތެއެވެ. ނަމަވެސް ފްލެޓައް އެދޭ މީހާގެ ހާލަތު ދިރާސާކުރާނެ އެއްވެސް ލިޔުމެއް ހުށަހަޅަން އެ ފޯމްތަކުގައި ހިމަނާފައެއް ނުވެއެވެ.
ތޮލާލް ވިދާޅުވީ "ހިޔާ" މަޝްރޫއުގެ ފޯމްތައް ދިރާސާކުރަމުން އަންނައިރު، ފްލެޓަށް އެދުނު މީހުންގެ ތެރެއިން އެ ހައްގުވާ ހާލަތުގައި ތިބި މީހުންނާއި، އަދި އެ ނޫން ފަރާތްތައް ފާހަގަވަމުން އަންނަ ކަމަށެވެ. އެހެންކަމުން ފްލެޓަށް އެދޭއިރު، އެ މީހާގެ ހާލަތު ބަޔާންކުރަން ފޯމްގައި ހިމެނުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ކޮމިޓީއިން ހިޔާ މަޝްރޫއުގެ ފޯމްތައް ދިރާސާކުރަމުން އަންނައިރު، އުސޫލުން ބޭރުން އެ ފްލެޓްތައް ހައްގު ނޫން ފަރާތްތަކަށް ދީފައިވާ ކަން ފާހަގަވެފައިވާ ކަމަށް ކޮމިޓީގެ މެމްބަރުންވަނީ ބުނެފައެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ނުބެލި ފުލް މާރކްސް ލިބިގެން ފްލެޓް ދީފައިވާކަން ފާހަގަވެފައިވާ ކަމަށާއި، ކައިވެނި ނުކޮށް ތިބި މީހުންނަށާއި ދެމަފިރީންނަށާއި ދެބަފައިންނަށް ވެސް ފްލެޓް ދީފައި ހުރި ކަން ކޮމިޓީ އަށް މިހާތަނަށް ދިރާސާކުރެވުނު ފޯމްތަކުން ފާހަގަވެފައިވާ ކަމަށެވެ.
ކޮމިޓީއިން މިހާތަނަށް ދިރާސާކުރެވުނު ފޯމްތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ދިމާވެފައި ވަނީ އެޗް10 އަދި އެޗް8 ގެ ކެޓަގަރީގެ ފޯމްތަކުން ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ. އެޗް8 ކެޓަގަރީއަކީ މާލޭގެ ރަށްވެހިންނަށް ހުޅުވާލެވުނު ކެޓަގަރީއެވެ.އަދި އެޗް10 އެއީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ކުރެވުނު ކެޓަގަރީއެވެ.
ހިޔާ މަޝްރޫއުގެ ތެރެއިން 22000 ފޯމް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ. ފޯމްތައް ދިރާސާކުރަން ގާތްގަނޑަކަށް ފަސްމަސް ވަރު ނަގާނެ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. މިހާރު ފޯމްތައް ދިރާސާކުރަމުން އަންނައިރު، ވަރަށް އަވަހަށް އާންމު ރައްޔިތުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.
ފްލެޓް މައްސަލަ ބަލާ ކޮމިޓީން ބަލަން ރައީސް ސޯލިހް ހަވާލުކުރައްވާފައި ވަނީ "ގެދޮރުވެރިކުރުވުމުގެ މަޝްރޫއު" ގެ ނަމުގައި ހިންގި މަޝްރޫ އާއި ގުޅިފަޅު މަޝްރޫއު އަދި ހިޔާ މަޝްރޫއެވެ.
ހިޔާ މަޝްރޫއުގެ ދަށުން 6،723 މީހަކަށް ފްލެޓް ލިބޭކަން ކުރީގެ ސަރުކާރުން ވަނީ އަންގާފައެވެ. އެއީ 12 ކެޓަގަރީއަކުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މާލޭ ރައްޔިތުންގެ ކެޓަގަރީގައި ހިމެނޭ އިރު، އެ ކެޓަގަރީން 4،505 މީހަކަށް ފްލެޓް ލިބޭނެކަން ކުރީގެ ސަރުކާރުން ވަނީ އަންގާފައެވެ.