ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ދިވެހިރާއްޖޭގެ ސްކޫލު މަދަރުސާތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމުގެ ސިފަތައް އުގަންނައިދޭނެ ވާހަކަ ފޮތް އުފެއްދުމުގެ މުބާރާތެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލައިފިއެވެ.
އޭސީސީ އިން ބުނީ މި މުބާރާތުގެ މަޤްޞަދަކީ ނަޒާހަތްތެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކޮށް ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބާރު އަޅާ ވާހަކަ ފޮތްތަކެއް އެކުދިންނަށް ކިޔޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
މި އަހަރުގެ ސްކޫލުތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފައުންޑޭޝަން ސްޓޭޖްގައި ކިޔަވައިދޭ ވަކިވަކި މުދައްރިސުންގެ ނަމުގައި ނުވަތަ ފައުންޑޭޝަން ސްޓޭޖުގެ މުދައްރިސުންގެ ގްރޫޕެއްގެ ފަރާތުން ނުވަތަ އެ މުދައްރިސުން ނިސްބައްވާ ސްކޫލުގެ ނަމުގައި ބައިވެރި ވެވިދާނެ ކަމަށް އެ ކަމިޝަނުން ބުނެއެވެ. ނަޒާހަތްތެރިކަމުގެ ސިފަތަކަށް ހިތްވަރުދޭ މެސެޖުތަކެއް ހިމެނޭ ގޮތަށް އުފައްދާ ވާހަކަ ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ވެސް އުފައްދާ ހުށެހެޅިދާނެއެވެ. މި ވާހަކަތަކުގެ ކުރެހުންތައް އަމިއްލައަށް ކުރަހާފައި ނުވަތަ ކޮމްޕިއުޓަރުގެ ޒަރީއާ އިން ކުރަހާފައި ވެސް ބައިވެރިކުރެވިދާނެއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ވާހަކަ ފޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ވާހަކަ ފޮތް މުދައްރިސުންނަށް ބޭނުންކުރެވޭނޭ ބިގު ބުކް ސައިޒަށް އަދި އޭ 5 ސައިޒަށް ޗާޕޮކޮށް، އާންމުކޮށް ލިބެން ހުންނާނޭ ގޮތަށް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވަނަވަނައަށްދާ ފަރާތްތަކަށް އޭސީސީގެ ފަރާތުން ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު އަދި ސެޓިފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ގަވާއިދާއި އިތުރު ތަފްޞީލު މިހާރުވަނީ އޭސީސީގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާ އެކު ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ރާއްޖޭގެ ހުރިހާ ސްކޫލު މަދަރުސާތަކަށް ފޮނުވާފައެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވާނެ އެންމެ ފަހުގެ ތާރީޚަކީ 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.