މީހަކު އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ މީހަކު ހުންނަ ގޮތަކުން އެމީހެއްގެ ވަޒީފާ ގެއްލެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތް ޓީޗަރުން ވަޒީފާއިން ވަކިކޮށްފައިވާ ވާހަކައަށް އިޝާރާތް ކުރަށްވާ މިނިސްޓަރ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ހުއްޓަސް އަދި މޫނުބުރުގާ ނާޅާ ހުއްޓަސް މިސަރުކާރުން ވަޒީފާ ލިބޭނެ ކަމަށެވެ.
ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްގެން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅާފައިވާ މައްސަލަތައް ހައްލުކޮށް، އެފަރާތްތަކަށް ވަޒީފާ އަނބުރާ އިޔާދަ ކޮށްދީފައިވާ ކަމަށާއި، އަދި މޫނު ބުރުގާ އަޅައިގެން އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ތަނަވަސް ކޮށްދީފައިވާ ކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.
"މޫނު ބުރުގާ އަޅައިގެން ކުލާސްތަކަށް ގޮސް ކިޔަވައިދޭއިރު ކިޔަވައިދޭ ޓީޗަރުގެ މޫނު ދަރިވަރުންނަށް ފެންނަން ޖެހޭނެ. ސަބަބަކީ ކިޔަވައިދެނީ ހަމައެކަނި އަނގައިން ދައްކާ ވާހަކައިން އެކަޏްޏެންނޫން. ޓީޗަރުގެ ފޭޝަލް އެކްސްޕްރެޝަނާއި ނޮން ވާބަލް ބިހޭވިޔަ އަކީ ދަރިވަރަށް އެއްޗެއް އަންގައިދޭއިރު ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެއް" މިނިސްޓަރ ވިދާޅުވިއެވެ.
ޓީޗަރުންނަކީ ވަރަށް މުހިންމު ބައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ ކަންބޮޑުވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެވެސް ކަންބޮޑުވުންކަމަށެވެ. އަދި އެކަމާނާގެ ޓީމުގައި ތިއްބެވި ބޭފުޅުންނަކީވެސް މުދައްރިސުން ކަމަށާއި، އެ ބޭފުޅުންނަކީ އެތައް ދުވަހެއް ވަންދެން ކިޔަވައިދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ބޭފުޅުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެފަދަ ހުރިހާ ކަމެއްވެސް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.