މިއަހަރު ފެށުނުއިރު ޓީޗަރުން ހަމަނުވާކަމަށް އަންގާފައިވާ ހުރިހާ ސްކޫލަކަށްވެސް ޓީޗަރުން ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝްތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް ޓީޗަރުން ހަމަވާނެ ކަމަށާއި ޓީޗަރުން ހަމަނުވާ ކަމަށް ބުނެފައިވާ ސްކޫލުތަކަށް ވެސް ޓީޗަރުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ބިދޭސީ ޓީޗަރުން އެބޭފުޅުންގެ ގައުމަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައި ނުގަންނަވާނެކަން ބައެއްފަހަރު އަންގަވަނީ ސްކޫލްތަށް ހުޅުވެން ހަފްތާއަކަށް ވުމުން ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަވެސް ވީ އެންމެ އަވަހަކަށް އެމަގާމް ތަކަށް މީހުން ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މާލެއިން އެހެން ރަށްރަށައް ހިޖުރަ ކުރާ ފަރާތްތަށް އުޅޭނެ. އަދި އަތޮޅުތަކުން މާލެއަށް ހިޖުރަ ކުރާ ފަރާތްތަށް މަދެއްނޫން. މިސާލަކަށް ހުރަވީ ސްކޫލު ހުޅުވުމުން މާލޭގެ އެހެން ސްކޫލުތަކުން ތިޗަރުން ހުރަވީ ސްކޫލަށް ބަދަލުވި އެހެންކަމުން ހުސްވި މަގާމްތަކަށް އެހެން ޓީޗަރުން ހޯދުމަށް ވަގުތުކޮޅެއް ނަގާނެ. އަދި އެފަދަ ކަންކަމަކީ މުޅި އަހަރުގައިވެސް ހިނގަމުންދާނެ ކަންތައްތަށް" މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލުތަށް ބޮޑު ޗުއްޓިއަށް ބަނދުވުމުގެ ކުރިން ޓިޗަރުން ހޯދުމުގެ މަސައްކަތް ކުރަށްވާކަން ފަހާގަ ކުރަށްވާ މިނިސްޓަރ ވިދާޅުވި ޓީޗަރުންނާއި އިންޓަރވިއު ކޮށް ނިމޭއިރު ރިޒާވްގައި ޓީޗަރުން ތިބޭނެ ކަމަށާއި އެހެން ކަމުން ޓީޗަރަކު މަދުވާ ތަނަށް ޓީޗަރަކު ހޯދުމުގައި މާބޮޑު ލަސްތަކެއް ނުވާނެ ކަމަށެވެ. އަދި ބައެއްފަހަރު ބިދޭސި ތީޗަރުންނާއި ސްކައިޕް އިންޓަރވިއުވެސް ކުރާ ކަމަށާއި އެއީވެސް ޓީޗަރުން އަވަހަށް ރާއްޖެ ގެނައުމަށްޓަކައި ކުރަމުން ދާކަމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އަތޮޅުތެރޭގައި ކިޔަވައި ދެއްވާ ބައެއް ޓީޗަރުންނަކީ ކަމަށް ގާބިލް ނޫން ބައެއްކަމަށް ދެކެވޭ ވާހަކަތަކަށް ރަށްދު ދެއްވަމުން މިނިސްޓާރ ވިދާޅުވީ ހުރިހާ ސްކޫލެއްގައިވެސް ތިބޭނީ ފެންވަރު ރަނގަޅު ޓީޗަރުން ކަމަށާއި މާލެއާ އޮތޮޅު ތަކާއި އެއްވެސް ވަރަކަށް ތަފާތު ނުކުރާ ކަމަށެވެ. ޓީޗަރުން އެންމެ އަވަހަށް ބޭނުންވާ ސްކޫލުތަކަށް ހަމަޖެހިފައިވާ އުސޫލުން އަވަހަށް ޓީޗަރުން ފޮނުވަމުން ދާކަމަށްވެސް ވިދާޅުވިއެވެ.