މާލޭގައި 10 ސްކޭލެއް އެޅުމަށް އަދި ނިންމާފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސެއް ގައި މާލޭގައި 10 ސްކޫލެއް އަޅަން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހި ޕްރޮގްރާމްގައި ޑރ. އައިޝަތު ވިދާޅުވީ، މާލޭގައި އިތުރު ސްކޫލް ތަކެއް އެޅުމަށް ޕްލޭން ތަކެއް ހަދާފައިވާ ކަމަށާއި، ނަމަވެސް ސްކޫލްތަކެއް އެޅުމަށް ނިންމާފައި ނުވާ ކަމަށެވެ.
''އަދި ނުވެއް ނިންމަން. އަޅުގަނޑުމެން މިހެދީ ހާލަތު ދެނެގަނެވޭ އޮޑިޓެއް. އެ އޮޑިޓުން ދައްކަނީ މިހާރު މާލޭގައި މި ސްކޫލްތައް...އަސްލުއަށް ސްކޫލެއް އެބައުޅޭ އެއްހާހައްވުރެ ގިނަ. އަޅުގަނޑުމެން ވަރަށް ބައިވަރު ދިރާސާތަކެއް ހަދައިފި މިކަމަށް.'' މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. އައިޝަތު ވިދާޅުވީ، ރަނގަޅު ގޮތެއްގައި ސްކޫލެއް ހިންގުމަށްޓަކައި އެންމެ މަދުވެގެން 800 އާއި 1000 އާ ދެމެދުގެ ދަރިވަރުން ބޭނުންވާ ކަމަށާއި، މާލޭގައި ހުރި ސްކޫލް ތަކުގެ ތެރެއިން 1000 އަށް ވުރެ ގިނަ ކުދިން ތިބީ އަށް ސްކޫލެއްގައި ކަމަށެވެ.
އެއްދަންފަޅިއަށް ބަދަލު ކުރާއިރު ބޮޑެތި ސްކޫލުތަށް އިތުރަށް ބޮޑުކޮށްގެން ބަދަލުކުރުމުގެ ވިސްނުމެއް މިނިސްޓްރީން ނުގެންގުޅޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ހެދި އޮޑިޓާއި ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ، މިހާރު ހުރި ސްކޫލްތައް އެއްދަންފަޅި އަށް ބަދަލުކުރުމަށް ބޭނުންވާ ކަންތައްތައް މި އޮޑިޓްގެ ސަބަބުން ދެނެގަނެފައިވާ ކަމަށެވެ. އޮޑިޓް ހަދާފައިވަނީ ތިން ކެޓަގަރީ އަކަށް ބަހައިލައިގެން ޕްލޭން އެއް ހެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
''ފުރަތަމަ ކެޓަގަރީގައި އަޅުގަނޑުމެން މި ބަލަނީ މިހާރު 62 ސްކޫލް ތެރެއިން 10 ކްލާސް ރޫމަށްވުރެ މަދުން އަޅުގަނޑުމެން ކްލާސް ރޫމް އަޅައިގެން ސިންގަލް ސެޝަނަށް ބަދަލު ކުރެވޭނީ ކޮންތަންތަނެއްތޯ. އެގޮތުން 37 ސްކޫލެއް އެބަވޭ... ދެ ވަނަ ކެޓަގަރީގައި އަޅުގަނޑުމެން ބަލާލީ އަތޮޅުތަކުގެ ތެރޭގައި 10 ކްލާސް ރޫމަށްވުރެ ގިނައިން އަޅައިގެން، ކިތައް ސްކޫލްތޯ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނީ. އެ ގޮތުން ތޭރަ ސްކޫލެއް އެބަވޭ. ތިން ވަނަ ކެޓަގަރީގައި މި ހާއްސަ ކުރީ މާލެއަށް. މާލޭ ސަރަހައްދުގައި ގޮންޖެހުންތަކެއް އެބަހުރި'' މިނިސްޓަރު ވިދާޅުވީއެވެ