ލ. ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބަޔަކު މި ހަފްތާ ތެރޭގައި ކާނާ ވިހަވެފައިވަނީ ކާނާއަށް އިންސެކްޓިސައިޑްގެ އަސަރު ކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކާނާ ވިހަވުމަށް ޝައްކު ކުރެވޭ މައްސަލައަކާއި ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އާދީއްތަ ދުވަހު ފެލިވަރަށް ޒިޔާރަތްކޮށް، އެތަން ބަލައި ޗެކްކޮށްފައިވާ ކަމަށާއި، މި ހާދިސާގައި ހާލުދެރަވި ފަރާތްތަކުގެ ހާލު ބަލައި، ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ މިގޮތުން ބެލި ބެލުމުން، ފެބްރުއަރީ 8 ވީ ހުކުރު ދުވަހު ފެލިވަރުގައި މުވައްޒަފުން ދިރިއުޅޭ ކުއާޓަރުތަކަށް އެކިއެކި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް (އިންސެކްޓިސައިޑް) ސްޕްރޭ ކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެ ސްޕްރޭގެ އަސަރު އޭގެ ތެރެއިން ބައެއް ތަންތަނުގައި ބޭނުންކުރި ކާބޯތަކެއްޗަށް ކޮށްފައިވާކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ.
އެޗްޕީއޭއިން ބުނީ، ހޮޑުލައި، ވަރުދެރަވުމާއި ގުޅިގެން ފަރުވާ ހޯދި ގިނަ މީހުންނަކީ އިންސެކްޓިސައިޑް ސްޕްރޭ ކުރި ކުރާޓަރުތަކުގައި އުޅޭ މީހުންކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ހާދިސާގައި ހާލު ދެރަވި 4 މީހަކަށް އަދިވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވަ ދެމުންދާއިރު، މި މީހުންގެ ހާލު ރަނގަޅު ވަމުންދާކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އެޗްޕީއޭއިން ވަނީ ބުނެފައެވެ.