ނިމިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް 9 ރަށަކުން ގޯތި ދޫކުރުމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިއުލާންތައް ބާތިލްކޮށް، އެ މަސައްކަތް ކައުންސިލްތަކާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުން ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮށްފައިވާ އިއުލާންތައް ބާތިލް ކޮށްފައިވާކަމަށެވެ. އެގޭތެރޭގައި ހިމެނެނީ އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ. މާފުށި، ލ. ގަން، ގދ. ތިނަދޫ، ކ. ތުލުސްދޫ، ކ. ހިންމަފުށި، ހދ. ހަނިމާދޫން ގޯތި ދޫކުރުމަށް ކުރި އިއުލާންތަކެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތަކީ ރަށްރަށުގެ ކައުންސިލުން ކުރަންޖެހޭ މަސައްކަތަކަށްވާތީވެ ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
ނިމުނު ސަރުކާރުން އިންތިހާބާއި ދިމާކޮށް، އިއުލާންކުރުމަށް ފަހު ގޯތި ދޫކުރުމުގެ އެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ މަސައްކަތްކޮށްފައި ވަނީ ކައުންސިލްތަކުގެ އެއްވެސް ބައިވެރިވުމެއްނެތި ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކާއި، ޕީޕީއެމްގެ އެކްސްޓިވިސްޓުން ހަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ބިން އޮތް ރަށްރަށުން ގޯތި ދޫކޮށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވާނެކަމުުގެ ވައުދު ހިމެނެ އެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނާއި، ގާތުން ކައުންސިލްތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންފައިވެއެވެ.