އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމުގެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް އާ 10 ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސްކޫލުތަކުގެ ކިޔަވާދިނުން އެއް ދަންފަޅި އަށް ބަދަލުކުރަން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހާމަކުރުމަށް ވިލިމާލޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގައި އިތުރު ސްކޫލުތައް އަޅަންޖެހެނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ބޭނުންވާ ވަރަށް ކްލާސްރޫމުތައް ނެތުމުން ކަމަށެވެ.
އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓް ރިޕޯޓްއެއް ހަދައި ހޯމަ ދުވަހުގެ ރޭ ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުން ވެއެވެ. އެއީ 10 ސްކޫލެވެ. އެ ސްކޫލްތަކުގައި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވެއެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް އަޅާ ސްކޫލުތަކުގެ މަސައްކަތް ކުރިއަށް ދާނީ ފަސް އަހަރަށް ބަހާލެވިގެން ކަމަށެވެ. އެ ތަންތަން ޑިޒައިންކުރާނީ އެއް ދަންފަޅިއަށް ކިޔަވާދޭ އެހެން ގައުމުތަކުގެ ސްކޫލުތައް ބެލުމަށް ފަހު އެ ގޮތަށް ކަމަށް މިނިސްޓަރު ޑރ. އައިޝާ ވިދާޅުވި އެވެ.
އެ ސްކޫލްތަކުގައި އިތުރު އެހީގެ ނިޒާމުކުރާނެ ގޮތްތައް އެކުލަވާލައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.