ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފެއްދެވުމަށް ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށެވެ. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައް ވެސް ހިންގާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާ އިރު ކިޔުގައި ނުޖެހި ފޯމް ލެވޭނެ ޕޯޓަލްއެއް ތައާރަފްކޮށްފައެވެ.