ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު ހުރާ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ހޯމަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ކައުންސިލުން ވަނީ ރައީސް ސޯލިހާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙިއްޞާކުރެއްވިއެވެ. އަދި މެންބަރުން ވަނީ ހުރައަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަން ހައްލުކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. މީގެ އިތުރުން މިހާރު ރަށުގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ ރައީސްއަށް އޮޅުންފިލުއްވައި ދެއްވައި ބަނދަރުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުރާގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަން ކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.