މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތަކާއި އެ ޕާޓީގެ ޓިކެޓު ހަވާލުކޮށްފިއެވެ.
ހޯމަ ދުވަހު ސައިރިކްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޭބަރ ޕާޓީގެ ފަރާތުން މަޖިލީހުގެ ދިހަ ދާއިރާއަކަށް ވާދަކުރައްވާ ފަރާތްތަކަކާއި ވަނީ ޓިކެޓު ހަވާލުކޮށްފައެވެ. ޓިކެޓުތައް އެ ފަރާތްތަކާއި ހަވާލުކޮށްދެއްވީ ޕާޓީގެ ލީޑަރޝިޕް ކޮމިޓީގެ ޗެއަރ އަހްމަދު ޝިހާމްއެވެ. އެގޮތުން ޓިކެޓުތައް ހަވާލުކޮށްފައިވަނީ ކިނބިދޫ ދާއިރާއަށް މުހައްމަދު އަމްޖަދު، ހިންނަވަރު ދާއިރާއަށް ޒިޔާދު ރަޝާދު، ނޮޅިވަރަމް ދާއިރާއަށް އިބްރާހިމް ރަމީޒް، މިލަންދޫ ދާއިރާއަށް އާދަމް ޝިފާއު، މާމިގިލި ދާއިރާއަށް އަހްމަދު އިބްރާހިމް، ހުޅުމާލެ ދާއިރާއަށް އިބްރާހިމް ޙަލީލް އަބްދުﷲ، ހެންވޭރު ދެކުނު ދާއިރާއަށް އިބްރާހިމް ވަހީދު، ފަރެސްމާތޮޑާ ދާއިރާއަށް އަލީ ނަޖީބު، އޭފަދުށީ ދާއިރާ ޔޫސުފް މޫސާ އަދި ދާންދޫ ދާއިރާއަށް ހުޝާމް އަލީއެވެ.
ޓިކެޓު ހަވާލުކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ލޭބަރ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސީން ވިދާޅުވީ، ގިނަ ބަޔަކު ޕާޓީގެ ޓިކެޓު ހޯދަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ޕާޓީން ޓިކެޓު ހަވާލުކޮށްފައި ވާނީ ޕާޓީގެ އުސޫލުތަކާއި ހަމަތައް ގަބޫލުކުރާ އަދި އެއާއި އެއްގޮތަށް މަސައްކަތް ކުރެވޭނެ މީހުންނަށް ކަމަށެވެ.
"ޓިކެޓަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މިންގަނޑުތަކަކުން ބަލާ، ކިރާ، މިނާ ހެދުމަށް ފަހު، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ފަރާތްތަކާއި ޓިކެޓު ހަވާލުކުރީ ނުވަތަ ތަމްސީލު ކުރުމުގެ ފުރުސަތު މި ދެނީ" ހަސީން ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކާއި ޓިކެޓު ހަވާލުކުރި ނަމަވެސް، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ހަސީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނަން ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގަ މަތީން ޕާޓީ ތަމްސީލުކުރާނެ ރަނގަޅު ކެނޑިޑޭޓުން ލިބިއްޖެ ނަމަ އިތުރު އެހެން ދާއިރާތަކަށް ވެސް ވާދަކުރަން" ހަސީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ލޭބަރ ޕާޓީއިން ވަނީ ޔުނިވަރސަލް ބޭސިކް އިންކަމް (ޔޫ.ބީ.އައި) ކިޔާ ބައިނަލްއަގްވާމީ ހަރަކާތަކާއި (އެން.ޖީ.އޯއަކާއި) އެކު އެ ޕާޓީން އެފިލިއޭޓް ވީކަން ވެސް އިއުލާންކޮށްފައެވެ. ޔުނިވަރސަލް ބޭސިކް އިންކަމްއަކީ ސަރުކާރުގެ ފަރާތުން ހުރިހާ ރައްޔިތުންނަށް އިނާޔަތެއް ދިނުމުގެ ވިސްނުމުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. ލޭބަރ ޕާޓިގެ ޓިކެޓުގައި މަޖިލީހަށް ހޮވޭ ފަރާތްތަކުން ބިލެއްގެ ސިފައިގައި މިކަން ހުށައަޅުއްވާނެ ކަމަށްވެސް ހަސީން ވިދާޅުވިއެވެ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ، ސެންޓަރ ލެފްޓް ފިކުރުގެ ސިޔާސީ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުގައި ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުގައެވެ.