ރާއްޖެ އާއި އިންޑިޔާގެ ސަގާފަތް ދައްކުވައިދިނުމުގެ ގޮތުން އިންޑިޔާ އެމްބަސީން "ޝާދީ ރަސްމިއްޔާތުގެ" ނަމުގައި ހަރަކާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަފަފްވެރިކޮށްދެއްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ދެ ގައުމުގައި ޒަމާނުއްސުރެ ކައިވެނި ކުރަމުން އަންނަ ގޮތް ވަނީ ދައްކުވައިދީފައެވެ. އެގޮތުން ދިވެހިން އެންމެ އިހުގައި ކައިވެނިތައް ކުރަމުން އަންނަ ގޮތް ދައްކުވައިދީފައިވާއިރު، އިންޑިޔާ އިން ކައިވެނިތައް ކުރަމުން އަންނަ ގޮތް ވެސް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ދެ ގައުމުގެ ސަގާފީ ނެށުމުގެ ހަރަކާތްތައް ވެސް ވަނީ މި ރަސްމިއްޔާތުގައި ހުށަހަޅާފައެވެ.
މި ހަރަކާތަކީ އިންޑިޔާއިން ރާއްޖެއަށްކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އޭނާގެ ސަފީރުކަމުގެ ދަައުރު ހަމަވެ، މި މަހުގެ 14 ވަނަ ދުވަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީ، ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށް އިންޑިޔާ އެމްބަސީން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި އަކިލޭޝް މިޝްރާގެ އަނބިކަބަލުން ރީތި މިޝްރާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވި ދެ ގައުމުގެ ފަންނާނުންނަށް ރަސްމިއްޔާތުގައި ވަނީ ހަނދާނީ ސެޓްފިކެޓް ދީފައެވެ.