ޖެނުއަރީ 21 ވަނަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލައިގެން ކާޑިފްއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ޕައިޕާ މަލިބޫ ނަމަކަށް ކިޔާ ޖެޓު ފެނިފައިވާއިރު، އެ ޖެޓުން ދަތުރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާގެ ހަށިގަނޑު ވެސް ވަނީ ފެނިފައެވެ.
ނަމަވެސް ޖެޓް ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޮސްޓޮންގެ އަދިވެސް ފެނިފައެއް ނުވެއެވެ.
އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި މި ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ.
މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށް ވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.
ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އޭއޭއައިބީ ނަމަކަށް ކިޔާ ކުންފުންޏަކުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރިމޯޓުގެ ޒަރިއްޔާ އިން ކޮންޓްރޯލްކުރާ އާރްއޯވީ ބޭނުންކޮށްގެންނެވެ.
ޕައިލެޓް އިބޮސްޓޮންގެ އާއިލާއާ ހަވާލާދީ ރިޕޯރޓްތައް ބުނާ ގޮތުގައި ސަލާގެ ހަށިގަނޑު ފެނުމުން ސާޗް ހުއްޓާލުމުން އާއިލާ އަށް ކުރިމަތިވީ އިތުރު ހިއްދަތިކަމަކާއެވެ. އާއިލާއިން ބޭނުން ވަނީ އިބޮސްޓޮންގެ ހަށިގަނޑު ހޯދަން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އިބޮސްޓޮން ހޯދުމަށް އާއިލާއިން ހުޅުވާފައިވާ ފަންޑަށް ގިނަ އަދަދެއްގެ މީހުން އެހީތެރިވަމުންދާއިރު ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބަޕޭ ވަނީ 27،000 (ހަތާވިސް ހާސް) ޔޫރޯ ފަންޑަށް ދީފައެވެ.
މިހާތަނަށް 130،000 (އެއްލަކަ ތިރިސް ހާސް) ޔޯރޯ ފަންޑަށް ލިބިފައިވާއިރު ސާރޗް ކުރިއަށް ގެންދިއުމަށް 300،000 (ތިން ލައްކަ) ޔޫރޯ ބޭނުން ވެއެވެ.