ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ސިފައިންނަށް ހާއްސަކޮށްގެން ހިންގާ "މޫދު ކަސްރަތު ޕްރޮގްރާމް" ފަށައިފިއެވެ.
އާދިއްތަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
8 ހަފްތާގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ އަންހެން ސިފައިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ. ޖުމްލަ 55 އަންހެން ސިފައިން ބައިވެރިވާ މި ޕްރޮގްރާމުގެ ކުލާސްތައް ކުރިއަށްދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކިއެކި ސަރަހައްދުތަކުގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަންހެން ސިފައިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމުގައި 3 ވަނައެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބިގަސްޓް ލޫޒާ އަށް ހޮވޭ 3 ފަރާތް، މޯސްޓް މޯޓިވޭޓަރ އަދި ކުއީން އޮފް ދަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ޗީފް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ، ވޮރަންޓް އޮފިސަރ 1 އިސްމާޢީލް އަޙްމަދެވެ.
"މޫދު ކަސްރަތު ޕްރޮގްރާމް" ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ އަންހެން ސިފައިން ވަނީ ބައިވެރިވެފައެވެ.