އެޖެންޑާ 19 އޭ ކިޔައިގެން އުޅޭ، ބަޔަކު އުޅެނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ކިލަނބުކުރަންކަމަށާއި، އެމީހުންގެ ބޭނުމަކީ ސީދާ ހުދުމުހްތާރުވުން ކަމަށް ޖޭޕީން އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ދީފައިވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ބައެއްކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަރުހާދު ވިދާޅުވީ، ޖުޑީޝަރީ އިސްލާހުކުރުމުގެ ވާހަކަ އެމީހުން ދައްކާއިރު، އެ ނިޒާމު އޮތީ ވަރަށް ފުރިހަމަކޮަށް ކަމަށެވެ. އަދި އިސްލާހުކުރާންޖެހޭ ކަމެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"މިިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު ކިލަނބުކުރަން ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުން އެޖެންޑާ 19 އަކާ އެނެކައްޗެއްގެ ބޭނުމަކީ ސީދާ ހުދުމުހުތާރުވުން އެނޫން އެއްވެސް ކަމެއް ނެތް. ޝަރުއީ ނިޒާނެއް ރާއްޖޭގައި އިސްލާހުކުރާކަށް ނުޖެހޭ. މިވަގުރު ޝަރުއީ ނިޒާމް ރާއްޖޭގައި ވަރަށް ފުރިހަމަކޮށް އޮތީ އެހެންވީމާ އެދައްކަނީ އެއްވެސް ތާކުންތާކު ނުޖެހޭ ދަޅަ. ތިމާމެންގެ އަތުތެރެއަށް ޖުޑިޝިއަރީ ނުލެވިގެން އެވާހަކަ ދައްކަނީ" ފަރުހާދު ވިދާޅުވިއެވެ.
ފަރުހާދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި، މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތަށް ބެލިނަމަވެސް އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމަށާއި އެ ޕާޓީއަކީ މިގައުމަށް ހެޔޮ އޯގާތެރިވެރިކަމެއް ގެނެސްދޭނެ ޕާޓީއެއް ކަމަށެވެ.
ފަރުހާދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމް ކަމަށާއި، ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުނުކުރެވިގެން ބައެއް ބޭފުޅުން ތުރުތުރު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ބޭނުމަކީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ލެވޭނެގޮތް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.