ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އަހަރީ ޗުއްޓީ އާއި އޮފް ދުވަހު ސަރވިސް އެލަވަންސް ސަރުކާރުން ދޭން ނިންމުމުން، އެ ދާއިރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް އެ އެލަވަންސް ދިނުމަށް ލޭބަރ ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.
ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އަހަރީ ޗުއްޓީ އާއި އޮފް ދުވަހު ސަރވިސް އެލަވަންސް ސަރުކާރުން ދޭން ނިންމުމުން އެ ޕާޓީން ނެރުނު ބަޔާނެއްގައި އެކަމަށް ވަނީ މަރުހަބާ ކިޔާފައެވެ.
އެޕާޓީން ބުނީ މަސައްކަތްތެރިންނަށް ލިބޭ މިފަދަ ކޮންމެ އިނާޔަތަކީ ޕާޓީން މަރުހަބާ ކިޔާކަމެއް ކަމަށާއި، ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުން މި އެލަވަންސުން އިސްތިސްނާވުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެއްވެސް ތަފާތުކަމެއް ނެތި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެ އެލަވަންސް ދިނުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ އެފަރާތްތަކުގެ ހައްޤު ހޯދައިދިނުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.