ބޭނުންވާހާ ގޮތަކަށް ހިލާލާކަށް އެއްޕާޓީއަކަށް މަޖިލިސް މެޖޯރިޓީ އެއް ނުދެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
އިތުރު 8 ބޭފުޅަކަށް އެޕާޓީގެ މަޖިލިސް ޓިކެޓް ދިނުމަށް އާދިއްތަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވަކި ޕާޓީއަކަށް މެޖޯރިޓީ ދީފިނަމަ ޖުޑީޝަރީއަށް އަތްބާނައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާނެކަމަށެވެ.
"އޭރުން އެވީ ތިން ބާރު އެއްބާރަށް. މިނިވަން މުއައްސަސާތަކުގެ މީހުންވެސް ބިރުން ތިބޭނީ ތުރުތުރު އަޅައަޅާ،އެތަންތަނުގެ ވެރިންވެސް އަދި ޖުޑީޝަރީވެސް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިނިސްޓަރުން ވަކިކޮށް، މަގާމުތަކުން މީހުން ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށް ހެދުމުގެ ބާރު މެޖޯރިޓީ އޮތްބަޔަކަށް އޮންނާނެކަމަށެވެ. އަދި އެފަދަ ހާލަތުގައި ސަރުކާރު ޒިންމާދަރުކުރުވުުމުގެ ބައި އުނިވާނެއެވެ.
ގާސިމް ވިދާޅުވީ، ވަކި ޕާޓީއެއްގެ "އެކަކު" ދެކޭ ހުވަފެނެއްގެ މައްޗަށް މުޅި ގައުމު ހިނގަން ވެއްޖެއްޔާ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލުގެއްލި ބޭއިންސާފުވެ، އަނިޔާވެރިކަން ހައްދުފަހަނަ އަޅައިގެން ދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ހޭބުއްދި ހުރި މީހަކު ބަރުލަމާނީ ނިޒާމު ރަނގަޅު ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބަރުލަމާނީ ނިޒާމު ގާއިމް ކޮށްގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ރިޔާސީ ނިޒާމުގައި ރައީސް އާއި މަޖިލީސް މެމްބަރުން ހޮވަނީ ސީދާ ރައްޔިތުން ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ގޮސްފި ނަމަ އެންމެ ރަށެއްގެ ރައްޔިތުންގެ ވޯޓުން ހޮވާ މަޖިލީސް މެމްބަރަކު ގައުމުގެ ވެރިކަން ކުރަން ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވިއިރު، މިރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެެވެ.