ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމަށާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދަން އިއުލާންކޮށްފިއެވެ.
އާދިއްތަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ކޮށްފއިވާ އިއުލާނެއްގައި ވަނީ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް)އާ އެއް ގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އޭގެ ތެރޭގައި ކުންފުނީގެ ބްރޯޝަރ އާއި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްގެ އިތުރުން މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަން ޖެހެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރަނީ ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުން ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ދެއެވެ.
އިއުލާނުގައި ބުނެފައި ވަނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާ އެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ސަރުކާރުން ހިތްވަރު ދޭ ކަމަށާއި ޝޯޓްލިސްޓުކުރުމުގައި މިކަމަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލްގެ ޒަރީއާ އިން ނުވަތަ ހާޑް ކޮޕީ ހުށަހެޅުމަށް ވަނީ އެދިފައެވެ.
ދާދި ފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ރާއްޖެއެމްވީ އށް ވިދާޅުވެފައި ވަނީ މާލޭގެ ބައިނަލްއަގުވާމީ ބަނދަރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުށީގައި މުދާ ހުސްކުރުމަށް ޚާއްސަ ބަނދަރެއް ގާއިމްކުރެވިގެން ކަމަށާއި، މި މަސަރުކާރުން އެމަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން 10 ނުވަތަ 5 އަހަރަށް ޕްލޭން ކުރެވިގެން ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށޭވަރުވާނެ ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.