ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް ހެށަހެޅި ފޯމްތަކުގެ ތެރެއިން ދިހަ ކެންޑިޑޭޓުންގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ދިހަ ކެންޑިޑޭޓެއްގެ ފޯމް ބަލައިނުގަންނަން އެކޮމިޝަނުން ނިންމާފައި ވަނީ މައުލޫމާތު ފުރިހަމަވެފައި ނުވާތީ ކަމަށެވެ.
މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. ފޯމު ހުށައެޅި 86 ކެންޑިޑޭޓުންގެ ތެރެއިން 76 ކެންޑިޑޭޓުންގެ ފޯމު ބަލައިގަނެފައިވާކަން އެމްޑީޕީއަށް އަންގާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އެޕްރީލް 6 ގައި ބާއްވާ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިމަހުގެ 21 ވަނަ ދުވަހާއި ނިޔަލަށް ހުޅުވާލާފައެވެ.