އަތޮޅުތެރޭގެ އާބާދީއަށް އިސްކަންދިނުމަކީ ރާއްޖޭގެ ތަރައްގީއަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި ކުރިއަށްގެންދާ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެ މަހާސިންތާ ބާއްވަންފަށާފައިވަނީ ނުބޭއްވި ދެއަހަރު ފާއިތުވެގެން ދިއުމަށްފަހު ކަމަށާއި މަހާސިންތާ ބާއްވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ސަރުކާރުގެ ވައުދު ފުއްދުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތައް ބާރުވެރިކުރުވުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭކަމެކެވެ.
އިމްރާން ވިދާޅުވީ މަހާސިންތާގައި ހިއްސާކުރާ ޚިޔާލުތަކުން ލާމަރުކަޒީ ގާނޫން އިސްލާހު ކުރުމަށް މަގުތަނަވަސް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
"އަޅުގަނޑު އެދެނީ މި ނިޒާމުގައި މަޑުޖައްސައި، ހިނގައި ދުއްވާނެ މަގު ތަނަވަސް ކުރުން. ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށް މަހާސިންތާގެ ސަބަބުން މަގު ތަނަވަސްވެގެންދާނެކަމުގެ އުއްމީދު ކުރަން." އިމްރާން ވިދާޅުވިއެވެ.