އެސްޓިއޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑު ކޮށްފިއެވެ.
އެސްޓީއޯ އިން އާދިއްތަ ދުވަހު ނެެރުނު ބަޔާނުގައިވާ ގޮތުން ފެބްރުއަރީ 10 އިން ފެށިގެން ޑީސަލް ލީޓަރަކުން 90 ލާރި ވަނީ ބޮޑުކޮށްފަ އެވެ. މިހާރު ޑީސެލް ލިޓަރެއް ވިއްކާނީ 10.89ރ އަށެވެ. އެސްޓިއޯ އިން ބުނީ ޑީސެލް ވިއްކާ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ކަމަށެވެ.
މީގެ ކުރިން ޑީސެލް ލީޓަރެއް ވިއްކަމުން އައީ 9.99 ރ. އަށެވެ. އެންމެ ފަހުން ޑީސެލް އަދި ޕެޓްރޯލްގެ އަގަށް ބަދަލު ގެނެސްފައިވަނީ ޖެނުއަރީ މަހުއެވެ. އޭރު ޑީސަލް ލީޓަރަކުން 2 ރުފިޔާ ވަނީ އަގު ހެޔޮކޮށްފައެވެ.
އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް އިކޮނޮމިކް މިނިސްޓްރީ އިން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ދުވަހު ގެޒެޓްކޮށްފައިވާއިރު އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެއެވެ. އެކަމަކު އެއީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.