އެމެރިކާއިން ވެނެޒުއޭލާގެ ހާލުގައި ޖެހިފައިވާ މީހުންނަށް ފޮނަވަން ނިންމާފައިވާ އެހީއަށް ހުރަސް އަޅާނެ ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.
މަޑޫރޯ ވިދާޅުވީ އެމެރިކާ އިން ފޮނުވާ އެހީއަކީ ދެއްކުންތެރިކަމުގެ ގޮތުން އެ ގައުމުން ފޮނުވާ އެހީއެއް ކަމަށެވެ.
ވެނެޒުއޭލާ އިން ވެގެން އޮންނަ ކޮލަމްބިއާގެ ކުކުޓާއަށް އެމެރިކާ އިން ފޮނުވި ތަކެތީގެ ތެރޭގައި ހިމެނެނީ ފުށް، މުގު، ހަނޑޫ، ކައްކާ ތެޔޮ ފަދަ ސާމާނުގެ އިތުރުން ސާފުތާހިރުވާން ބޭނުންކުރާ ސައިބޯނި އަދި ދަތް އުނގުޅާ ބުރުސް ފަދަ ތަކެތި ކަމަށް އެމެރިކާ އާއި ކޮލަމްބިއާގެ އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ އެނާރޖީ ސަޕްލިމަންޓްސް ވެސް އެމެރިކާ އިން ފޮނުވާފައި ވެއެވެ. ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ވަކި ވަކި ޕާރުސަލުތަކުގައި މި ތަކެތި ބަންދުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި އެހީ ފޮނުވަން އެދިފައި ވަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރައީސްކަމަށް ބަލައިގެންފައިވާ ހުއާން ގައިޑޯއެވެ. މަޑޫރޯ ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންނެވީ ވޯޓު އޮޅުވާލައިގެން ކަމަށް ގައިޑޯ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ދުނިޔޭގެ އެއްމެ ބޮޑު ސާފުނުކުރާ ތެލުގެ ރިޒާވް އޮތް ވެނެޒުއޭލާގައި މިދިޔަ އަހަރު ބޭއްވި މައްސަލަ ބޮޑު ރިޔާސީ އިންތިހާބަށް ފަހު ދެވަނަ ދައުރަކަށް މަޑޫރޯ ހުވާކުރެއްވީ މި ޖެނުއަރީ މަހުގައެވެ. ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިހާބަކީ އިންތިހާބުތަކަށް ކުރި މަލާމާތެއް ކަމަށާއި ބަލައިނުގަންނަ ކަމަށް އެ ގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. މަޑޫރޯގެ ވެރިކަމުގައި އެ ގައުމުގައި އިގްތިސާދު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.