އެމެރިކާގެ ޓެބްލޮއިޑް ނޫސް މަޖައްލާއެއް ކަމުގައިވާ، ނެޝަނަލް އެންކުއަރަރއިން އެމޭޒަންގެ ސީއީއޯ ޖެގް ބޭޒޮސް ބްލެކްމެއިލް ކުރިކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ.
އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ މީޑިއަމްގައި ކުރެއްވި ޕޯސްޓެއްގައި ބޭޒޮސް ވިދާޅުވީ އެންކުއަރަރގެ މިލްކުވެރިކަން އޮންނަ އެމެރިކަން މީޑިއާ ކޮމްޕެނީއިން ވަނީ ބޭޒޮސް އާއި އޭނާ މިހާރު ހިތާވެގެން އުޅޭ ލޯރެން ސަންޗޭޒްގެ ގައިގޯޅި ފޮޓޯތަކެއް ޝާއިއު ކުރާނެކަމުގެ އިންޒާރުދީފައި ކަމަށެވެ. ބޭޒޮސް ބުނި ގޮތުގައި ފޮޓޯތައް ޝާއިއު ނުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ކުންފުނިން ޝަރުތުކުރީ އޭނާއާއި ސަންޗޭޒް ކައިވެނިން ބޭރުން ހިންގި ގުޅުންތަކުގެ ފޮޓޯތައް ހޯދިގޮތް ދެނެގަންނަން އޭނާ ކުރާ ތަހުގީގު ހުއްޓާލުމަށް ކަމަށެވެ.
I’ve written a post about developments with the National Enquirer and its parent company, AMI. You can find it here: https://t.co/G1ykJAPPwy
— Jeff Bezos (@JeffBezos) February 7, 2019
ބޭޒޮސް އެ މައްސަލަ ތަހުގީގުކުރަން އިހްތިޔާރުކުރި ގެވިން ޑި ބެކަރއާއި ބޭޒޮސްއާއި ދެމީހުން ދޮގު ބަޔާނެއް ދިނުމަށް އެމެރިކަން މީޑިއާ ކޮމްޕެނީއިން ޑިމާންޑު ކުރި ކަމަށް ވެސް ބޭޒޮސް ވިދާޅުވިއެވެ. އެ ކުންފުނިން އެދުނީ ބޭޒޮސްގެ މައްސަލަ ތަހުގީގު ކުރަނީ ސިޔާސީ މަގުސަދެއްގައި ނޫންކަމަށް ބުނެ ބަޔާން ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޭޒޮސްގެ ތުހުމަތުތަކަށް ރައްދު ދެމުން އެމެރިކަން މީޑިއާ ކޮމްޕެނީއިން ބުނީ ގާނޫނާ ގަވައިދާ ޙިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. އަދި ބޭޒޮސް މި ތުހުމަތު ކުރެއްވި އިރު، އެ ކުންފުނިން ދިޔައީ އޭނާއާއި އެކު މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ކުންފުނީގެ ބޯޑުން މައްސަލަ ބެލުމަށް ފަހު، މި ތުހުމަތުތަކާއި ގުޅޭގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައިއެވެ.
ދުނިޔޭގެ އެއްމެ މުއްސަންދި މީހާ ކަމުގައިވާ ޖެފް ބޭޒޮސް މިދިޔަ މަހު އޭނާގެ ދުވަސްވީ ބައިވެރިޔާއާއި ވަރިވާން އުޅޭ ކަމަށް އިއުލާން ކުރުމާއި އެކު، ނެޝަނަލް އެންކުއަރަރއިން ވަނީ ކައިވެނި ރޫޅުނު އަސްލު ސަބަބުގެ ގޮތުގައި ކަމަށް ބުނެ ބޭޒޮސްއާއި ސަންޗޭޒްގެ ގިނަ އަދަދެއްގެ ފޮޓޯ ޝާއިއުކޮށްފައެވެ. ބޭޒޮސްއަކީ އެމެރިކާގެ މަޝްހޫރު ނޫސް، ވޯޝިންގޓަން ޕޯސްޓުގެ ވެސް މިލްކުވެރި ފަރާތެވެ.