އަންހެނުންގެ ދުވަހު، އަންހެނުންނަށް ހާއްސަކޮށްގެން ''މޯލްޑިވްސް ވުމެންސް ރަން 2019'' ގެ ނަމުގައި ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އެން-ރޭންޖް އިން އަންހެނުންނަށް އިންތިޒާމް ކޮށްގެން ބާއްވާ ހާއްސަ ދުވުން އޮންނާނީ މާޗް މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައެވެ.
ދުވުމުގެ ހަރަކާތް ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ދުވުމުގެ ކަންކަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ނާޒިޔާ އިސްމާއިލް ބުނީ، ފަސް ކިލޯމީޓަރުގެ މި ދުވުމުގެ ޓާގެޓަކީ 2500 އަންހެނުން ބައިވެރިވުން ކަމަށާއި، މި ހަރަކާތުގެ އެންމެ މުހިއްމު ބޭނުމަކީ މުޖުތަމައުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށެވެ. އަދި ހަމައެއާއި އެކު އަންހެނުންނަކީ ދުޅަހެއު ސިއްހަތެއްގައި ތިބޭ ބައެއްގެ ގޮތުގައިހެދުން ކަމަށް ވެސް އޭނާ ބުންޏެވެ. މިދުވުން އެހެން ރަންތަކާއި ތަފާތުވެގެން ދާނެ ކަމަށް ނަޒީޔާ ބުންޏެވެ.
''އަޅުގަނޑުމެން އެހެން ރަން ތަކާއި ތަފާތުކޮށް އަޅުގަނޑުމެން އެބާ ހޮވާލަން ތަންކޮޅެއް ގިނައިން ވަނަތައް އެބަ ލިބޭ. ހަ އަހަރާއި ތޭރަ އަހަރުގެ އުމްރު ފުރައިގެ ވާދަވެރި ކޮށް ދުވެ އެއްވަނައިން ފެއްޓިގެން. ޓޮޕް ފައިވް ރަނާސް އަޅުގަނޑުމެން ހޮވަން. ހަމަ އޭގެ އިތުރުން 13 އަހަރުން މަތީގެ އުމުރު ފުރައިގެ ކެޓަގަރީގައި ވެސް އަޅުގަނޑުމެން ޓޮޕް ފައިވް ރަނާސް. މުޅި ޖުމްލަ 10 ދުވުންތެރިންނަށް އިނާމު ލިބިގެންދާނެ މި ރަންގައި'' އޭނާ ބުންޏެވެ.
އެންމެ މޮޅު 10 ދުވުންތެރިންނަށް ނޮވެމްބަރު މަހު ދުބާއީގައި އޮންނަ ''ދުބާއީ ވިމެންސް ރަން'' ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ނަޒިޔާ ބުންޏެވެ.
މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެފަރާތުން ވަނީ އެދިފައެވެ. ''މޯލްޑިވްސް ވިމެން ރަން 2019'' ލޯންޗުކުރުމުގެ ހަފްލާގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޔޫތް މިނިސްޓަރު މަހްލޫފްގެ އިތުރުން ގިނަ އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ.